ބްރަސަލްސް (މާޗް 23) : ފަލަސްތީނުގެ ޒާތީވެރިކަމުގެ އިދާރާއަށް މިއަހަރު ތެރޭގައި އެއްބިލިޔަން ޑޮލަރު، ހިލޭއެހީގެ ގޮތުގައި ދިނުމަށް ފަލަސްތީނަށް ބޭރުގެއެހީ ހޯދުމުގެ ކަންތައް ވިލަރެސްކުރާ ބައިނަލްއަޤްވާމީ ކޮމިޓީން ގޮވާލައިފިއެވެ.
ފަލަސްތީނަށް ބޭނުންވާ ބޭރުގެ އެހީހޯދުމާބެހޭ ބައިނަލްއަޤްވާމީ ކޮމިޓީން ބްރަސަލްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިކޮމިޓީގެ ވިލަރެސްވެރިޔާ ނޯވޭގެ ޚާރިޖީ ވަޒީރު ޖޮނަސް ގެސްޓޯރ އެމެރިކާ، ޔޫރަޕް އަދި ޢަރަބި ޤައުމުތަކަށް ގޮވާލެއްވީ ފަލަސްތީނުގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ދިނުމަށްބޭނުންވާ ފައިސާ ފަލަސްތީނުގެ ޒާތީ އިދާރާއަށް ދިނުމަށެވެ.
މިޚިދްމަތްތައް ދިނުމަށްޓަކައި 2012 ވަނައަހަރު މަދުވެގެން އެއްބިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭއެހީ ފަލަސްތީނަށް ބޭނުންވާކަމަށް ނޯވޭ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މިބައްދަލުވުމުގައި ފަލަސްތީނުގެ ބޮޑުވަޒީރު ސަލާމް ފައްޔާޒްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފައްޔާޒްވަނީ ފަލަސްތީނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ތަފްސީލް ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާއާއި ޢަރަބި ޤައުމުތަކުގެ މަންދޫބުންނާ ޙިއްސާ ކުރައްވާފައެވެ.
ޔޫރަޕްގެ އިއްތިޙާދުންވަނީ މިއަހަރު ފަލަސްތީނަށް 205 މިލިޔަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. އެމެރިކާއިންވަނީ މިދިޔައަހަރު ފަލަސްތީނަށް ދިނުމަށް ކަނޑައެޅި ފައިސާގެ ތެރެއިން ނުދެވިހުރިބައި މިއަހަރު ދިނުމަށް ކޮންގްރެސްގެ ރުހުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.
ޢަރަބި ޤައުމުތަކުގެ ތެރޭން ފަލަސްތީނަށް އެންމެ ގިނައިން މާލީ އެހީ ދެނީ ސަޢޫދީ އަރަބިޔާއާއި ގަލްފުގެ ޢަރަބި ޤައުމުތަކުންނެވެ. ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި ފަލަސްތީނަށް މިއަހަރު މާލީ އެހީދޭނެކަމުގެ ގެރެންޓީ ދިން ހަމައެކަނި ޢަރަބި ޤައުމަކީ ޤަތަރެވެ.
ޤަތަރުންވަނީ މިއަހަރުތެރޭގައި 32 މިލިޔަން ޑޮލަރުގެ އެހީއެއް ފަލަސްތީނުގެ ޒާތީ އިދާރާއަށް ދިނުމަށް އެއްބަސްވެފައެވެ. ސައޫދީ އަރަބިޔާއިން އެވްރެޖްކޮށް އަހަރަކު 50 މިލިޔަން ޑޮލަރުގެ ހިލޭއެހީއެއް ފަލަސްތީނަށްދޭއިރު ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ކުވައިތުންވެސް ފަލަސްތީނަށް މާލީއެހީތައް ވަމުން ގެންދެއެވެ. -- އަލްޖަޒީރާ
ފަލަސްތީނަށް އެއްބިލިޔަން ޑޮލަރުގެހިލޭ އެހީ ދިނުމަށް ނޯވޭގެ ހާރިޖީ ވަޒީރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ