އުމަރު ނެދަލެންޑަށް ވަޑައިގަތީ ކުއްތާ ގެނައުމުގެ އެންމެ ފަހުގެ ކަންކަމުގައި: މިނިސްޓްރީ

ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ނެދަލޭންޑަށް ވަޑައިގަތީ، ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކުއްތާ ގެނައުމުގެ އެންމެ ފަހުގެ ކަންކަން ނިންމުމަށް ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ. ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަތުމަށް ނެދަލެންޑުން ގަންނަނީ ޅަ ކުއްތާ ކަމަށެވެ. އެ ތަކެތި ރާއްޖެ ގެނައުމަށް ހަ މަސް ދުވަސްވަރު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ހަފުތާގައި އުމަރު ވިދާޅުވެފައިވާ ގޮތުގައި ކުއްތާތައް ނެދަލެންޑުން ގަނެގެން ގެންދާނީ ސްރީ ލަންކާގެ ކެންޑީއަށެވެ. ކުއްތާ ގެންގުޅޭނެ ގޮތުގެ ތަމްރީންތައް ދިވެހި ފުލުހުންނަށް ދޭނީ ކެންޑީގަ އެވެ. މި އަހަރުގެ ތެރޭގައި 30 ކުއްތާ ރާއްޖެ ގެންނާނެ ކަމަށް ޖެނުއަރީ މަހު އުމަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އޭނާ ވިދާޅުވީ މި އަހަރު ގެންނާނީ 15 ކުއްތާ ކަމަށެވެ. އެ ކުއްތާތައް ގަންނާނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އެކަމަށް ގާތްގަނޑަކަށް 80،000 ޑޮލަރު ހޭދަވާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ. ހޯމް މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު އުމަރު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހު 16ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ