ލިސްޓްގައި ކެންޑިޑޭޓުން ސޮއިނުކޮށް އިންތިޚާބު ނުބޭއްވުމުގެ އަމުރަކަށް ޖޭޕީ އާއި ޕީޕީއެމުން ސުޕްރީމް ކޯޓުގައި އެދިއްޖެ

ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިނުކޮށް އިންތިޚާބު ނުބޭއްވުމުގެ އަމުރެއް ނެރެދިނުމަށް އެދި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ޖޭޕީގެ ވަކީލު މުހަންމަދު ހަލީމް ވިދާޅުވި ގޮތުގައި އެ އަމުރަށް ސުޕްރީމް ކޯޓުގައި އެދުނީ ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ އެބޭ ފުޅުންގެ މަންދޫބުން ސޮއިނުކުރެއްވިޔަސް އިންތިޚާބު މާދަމާ ބޭއްވުމުގެ ވިސްނުމެއް އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭތީ އެވެ. "އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި މި އެދުނީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައިވާ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ނޫނީ އިންތިޚާބު ނުބޭއްވުމުގެ އަމުރަކަށް. އެ ހުށަހެޅުން ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައި،" ހަލީމް ވިދާޅުވި އެވެ. ޕީޕީއެމްގެ އިސްތިއުނާފު ކޮމިޓީގެ މެމްބަރު އަހުމަދު ޒަނީން ވިދާޅުވީ ލިސްޓުގައި ސޮއިނުކޮށް އިންތިޚާބު ނުބޭއްވުމާއި ސުޕްރީމް ކޯޓުގެ ހުކުމްގެ ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެ ޕާޓީން އެދިފައިވާ ކަމަށެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބު ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމްގެ ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައި ވަނީ އެންމެ ފަހުގެ ވޯޓާސް ލިސްޓުގައި އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަން ޖެހޭނެ ކަމަށެވެ. އެކަން އެހެން ކުރަނީ އެ ނޫން އެހެން ލިސްޓެއް އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭނެކަން ކަށަވަރު ކުރުމަށް ކަމަށް ވެސް ހުކުމްގައިވެ އެވެ. ޖޭޕީންނާއި ޕީޕީއެމުން ބުނަމުން ދަނީ ލިސްޓުގެ ސައްހަކަން ކަށަވަރު ނުވަނީސް އޭގައި ސޮއި ނުކުރެވޭނެ ކަމަށެވެ. އަދި ފައިނަލް ވޯޓާސް ލިސްޓުގެ ސޮފްޓް ކޮޕީ ޕީޕީއެމާއި ޖޭޕީ އަށް އިލެކްޝަންސް އިން ފޮނުވުމުން އެ ދެ ޕާޓީން ދަނީ ދިރާސާ ކުރަމުންނެވެ. ޕީޕީއެމާއި ޖޭޕީން ލިސްޓްގައި ސޮއިނުކުރިޔަސް އެމްޑީޕީން ދަނީ މިއަދު ހެނދުނުއްސުރެ އޭގައި ސޮއިކުރަމުންނެވެ. އެކަމަކު ލިސްޓްތައް ޕްރިންޓްވާ ވަރަކުން ސޮއިކުރަމުން ދާތީ އަދިވެސް އެކަން ނުނިމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ