ބޭރުގެ ހަނގުރާމަތަކުގައި އުޅެނީ ހަތް ދިވެހިން: އުމަރު
ބޭރުގެ ގައުތަކުގައި ކުރަމުން ދާ ހަނގުރާމަތަކުގައި ބައިވެރިވެގެން އުޅެނީ ހަތް ދިވެހިން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެ އެވެ. "އަޅުގަނޑުމެންނަށް މިހާ ހިސާބަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ދަންނަވަން ޖެހެނީ ރާއްޖޭން ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން ގޮސް ތިބި ކަމަށް ލަފާކުރެވޭ އަދަދަކީ ހަތެއް،" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އޭނާ ވިދާޅުވި އެވެ. ދީނީ ގޮތުން ހަރުކަށި ވިސްނުމުގެ މީހުން ކުރަމުންދާ ހަނގުރާމަތަކަށް ދިވެހިން ގެންދަން ކުރާ މަސައްކަތް، ފުލުހުން 24 ގަޑިއިރު ބަލަމުން އަންނަ ކަމަށާއި އެ މީހުންގެ އަމަލުތައް މޮނިޓަކޮށް، އެ މީހުން ހުއްޓުވައި ފިޔަވަޅު އަޅަން މަސައްކަތްކުރާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ފިކުރުތަކުން މީހުން ދުރުކުރުމަށާއި ކިޔަވާ ކުދިންނާ ހަމައަށް އެފަދަ ފިކުރުތައް ދިޔަ ނުދޭން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހޯމް މިނިސްޓަރު އުމަރު މަޖިލީހުގައި.---ފޮޓޯ: މަޖިލިސް "މިފަދަ ކަންކަމުގައި ދިވެހިން ބައިވެރިވިޔަ ނުދިނުމަށް ކުރެވޭ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މިފަދަ ފިކުރު ގެންގުޅޭ ފަރާތްތައް މޮނިޓަކުރުމާއި މިފަދަ އަމަލުތަކުގައި ބައިވެރިވިޔަ ނުދިނުމަށް އަދި މިފަދަ ފިކުރުތަކުން ދިވެހިން ދުރުކުރުމަށް،" އޭނާ ވިދާޅުވި އެވެ. މި މަސައްކަތުގައި ފުލުހުންނަށް ގޮންޖެހުންތައް ހުރި ކަމަށް އިޝާރަތްކުރައްވަމުން އުމަރު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން ބޭރަށް ދާ މީހުން ހުއްޓުވަން ކޯޓުގެ އަމުރު ހޯދުން ކަމަށެވެ. "މިފަދަ މައްސަލަތައް ބިނާވެފައި އޮންނަނީ އަޅުގަނޑުމެންނަށް ލިބޭ ސިއްރު އިންޓެލިޖެންސްގެ މައުލޫމާތުގެ މައްޗަށް. އެ މައުލޫމާތުތަކުގެ އަލީގައި ކޯޓަށް އެ މައްސަލައެއް ގެންގޮސް، އެ މީހަކު ހައްޔަރުކުރަން، ނުވަތަ ހުއްޓުވުމަށް ނުވަތަ ޕާސްޕޯޓް ހިފަހައްޓަން ނުވަތަ އޭގެ ފަހުން ފިޔަވަޅުތަކެއް އެޅުމަށް އަދަބު ވެސް ދަތިތަކެއް ހުރޭ. އެއީ އެކަށީގެންވާ ހެކި ކޯޓަށް ހުށަ ނޭޅޭތީ،" އުމަރު ވިދާޅުވި އެވެ. "އެހެންވީމާ ހެކި ހުށަހެޅުމަށް މިހާރު މި އޮންނަ މިންގަނޑު އެއޮތް ގޮތަށް ބާއްވައިގެން ޓެރަރިޒިމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެކަށީގެންވާ ކާމިޔާބު ނުހޯދޭކަން ގިނަ ގައުމުތަކުން ގަބޫލުކޮށް، ކޯޓަށް ހުށަހަޅަން ޖެހޭ ހެކީގެ މިންގަނޑު ވަނީ ތިރިކޮށްފައި." ހެކި ހުށަހެޅުމުގެ މިންގަނޑު ރާއްޖޭން ވެސް ތިރިކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ. ހަނގުރާމަތަކުގައި ބައިވެރިވާން ފުރުމުގެ ކުރިން ބައެއް މީހުން ހުއްޓުވާފައި ވާއިރު، ފުރައިގެން ދާ ފަހުން މައުލޫމާތު ލިބުމުން އެ މީހުން އަނބުރާ ގެނައުމަކީ އުނދަގޫ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ. ދީނީ ގޮތުން ހަރުކަށި ވިސްނުމުގެ މީހުން ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކަށް ބައެއް ދިވެހިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށް އުމަރު ވިދާޅުވި އެވެ. އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައި ހަރުކަށި ވިސްނުން ހުރިކަމަށް ބުނާ ވާހަކައަކީ ވެސް ދޮގެއް ކަމަށާއި އެ ވާހަކަ ދައްކަވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ