ކުށްވެރިންނާ ދެކޮޅަށް ގާނޫނު ތަންދޭ އެންމެ ވަރުގަދަ ބާރު ބޭނުންކުރަން ޖެހޭ: އުމަރު

ގާނޫނުގައި ލިބިދޭ އެންމެ ބޮޑަކަށް ބާރުގެ ބޭނުންކޮށްގެން ކުށްވެރިން ހުއްޓުވަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ފުލުހުންގެ 24 ވަނަ ރެކްރޫޓް ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ދޭން އިސްކަންދަރުކޮށީގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މީހުންގެ ފާޑުކިޔުންތަކަށް ބަލައިގެން ބަޔަކު އެއްޗެއް ބުނެފާނެތީ ފުލުހުން "ފަހަތަށް ޖެހުމުގެ އެޓިޓިއުޑެއް" ގެންގުޅޭތާ 10 ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު އޮތް ގޮތުން ފަހަތަށް ނުޖެހި ގާނޫނުގައި ބުނާ އެންމެ ވަރުގަދަ އިހުތިޔާރުތައް ބޭނުންކޮށްގެން ކުށްވެރިން ހުއްޓަވަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ކުރިމަތީގައި ކާލިއަޅަމުން، ޕެކެޓް ވިއްކަމުން އެއްވެސް މީހަކަށް ދެވިގެން ނުވާނެ. އަޅުގަނޑުމެން ޖެހޭނެ އެކަންކަން ހުއްޓުވަން،" މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ 2004 ގައި ޖަލުގައި ހިނގި ބަނޑިޖެހުމުގެ ހާދިސާ އަށް ފަހު ފުލުހުންނާ ދިމާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި ކަމަށާއި ފުލުހުންގެ އަތް ބަނުމަށް ތަފާތު ގާނޫނުތައް ހެދުމުގެ ސަބަބުން ފުލުހުން ވަރަށް ބޮޑަށް ފަހަށް ޖެހޭ ގޮތްވި ކަމަށެވެ. ނަމަވެސް އުމަރު ވިދާޅުވީ ބޭނުންވަނީ ގާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއަކުން، "ގާނޫނުގެ އެންމެ ދިގު އަތް ބޭނުންކޮށްގެން" ކުށްވެރިންނާ ދެކޮޅަށް މަސައްކަތްކޮށް ވީހާ ވެސް ގިނަ ކުށްވެރިން ހިފާ ހައްޔަރުކުރުމަށް ކަމަށެވެ. އެކަމަށްޓަކައި ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށާއި ފުލުހުންނަށް ކުރިމަތިވާ ފާޑުކިޔުންތަކާ ވެސް ކުރިމަތިލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ގާނޫނު ތަންފީޒެއް ނުކުރެވޭނެ ފުލުހުން ފަހަތަށް ޖެހިގެންނެއް. ފުލުހުންނާ ދިމާއަށް ދިއްކުރެވޭ ކޮންމެ އިނގިއްޔަކަށް، އަޑުއަހައިގެން އަދި ކޮންމެ މީހަކު ބުނާ ކޮންމެ ކަމެއް އެ ގޮތަށް ކޮށްގެންނެއް ގާނޫނު ތަންފީޒެއް ނުކުރެވޭނެ. ގާނޫނު ތަންފީޒުކުރެވޭނީ ފާޑުކިޔުންތަކާ ވެސް ކުރިމަތިލައި އަދި އެހެނިހެން ލަފްޒުތައް ބޭނުންކުރީމާ އެއާ ވެސް ކުރިމަތިލާ ކުރީ ސަފަށް ޖެހި ގާނޫނު ތަންފީޒުކޮށްގެން،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ 8، 2012ގައި އައްޑޫގެ ޓްރެއިނިން ސްކޫލުގައި ހުޅު ޖަހައި ރޯކޮށްލުމުގެ ސަބަބުން ފުލުހުންގެ ތަމްރީންތަކަށް ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ