ސުޕްރީމް ކޯޓްގެ އަމުރާއި ހިލާފަށް ބާއްވާ އިލެކްޝަނެއްގައި ވޯޓް ނުދޭން ޖޭޕީން ގޮވާލައިފި

ރިޔާސީ އިންތިހާބުގެ ދެވަނަބުރު ފަސް ކުރަން ސުޕްރީމްކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރާއި ޚިލާފަށް ދެވަނަ ބުރުގެ ވޯޓް ނެގުން ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވި، ވިދާޅުވުން ޖުމުހޫރީ ގުޅުމުން ކުށްވެރި ކޮށްފިއެވެ.
ޖުމުހޫރީ ގުޅުމުގެ ލީޑާޝިޕުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ކުރިމަތީގައި ސުޕްރީމްކޯޓުން ކޮށްފައިވާ އަމުރާއި ހިލާފަށް، އަދި އެ ކޯޓުން ވަކިގޮތެއް ނިންމާ ހުކުމް ކުރުމުގެ ކުރިން ދެވަނަ ބުރުގެ ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި ކަމަށެވެ.
ނަމަވެސް އެހެން ވިދާޅުވުމަށްފަހު، ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވާނެކަމަށް މިއަދު ކޮމިޝަންގެ ރައީސް ވިދާޅުވުމަކީ، އެމަނިކުފާނު ކޮށްފައިވާ ހުވައާއި ގާނޫނާއި ގަވައިދާއި ޚިލާފަށް ފާޅުކަން ބޮޑު ގޮތެއްގައި ހިންގަވާފައިވާ ޖަރީމާއެއް ކަމަށާއި ރައްޔިތުންދޭ ވޯޓުގެ ސައްހަކަން ކަށަވަރުކޮށްދީ، ރައްޔިތުންގެ ހައްގުތަށް ހިމާޔަތްކުރުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ވާޖިބެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެހެންކަމުން ކޯޓުގެ އަމުރާއި ހިލާފަށް ބާއްވާ އިންތިހާބެއްގައި ޖުމުހޫރީ ގުޅުމުން ބައިވެރި ނުވާނެ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރާއި ހިލާފަށް ބާއްވާ އިންތިޚާބެއްގައި އެ ގުޅުމަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށްވެސް މިރޭ ގޮވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ