އެއް ލައްކަ ރުފިޔާގެ ގުރުއާން މުބާރާތުގެ އިނާމު ދެއްވަން މައުމޫން ދިއްދު އަށް ވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ބާއްވަވާ އެއް ލައްކަ ރުފިޔާގެ ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާދަމާ ހއ. ދިއްދު އަށް ވަޑައިގަންނަވަން ހަމަޖައްސަވައިފި އެވެ. ލަތީފް ވިދާޅުވީ މާދަމާ ރޭގެ ހާއްސަ ހަފުލާގައި މައުމޫން ބައިވެރިވެވަޑައިގަންނަވަން ނިންމެވުމަކީ މުޅި ދިއްދު އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ދިއްދު އަކީ "ރައީސް މައުމޫންގެ ރަށެއް" ކަމަށް ވެސް ލަތީފް ސިފަކުރެއްވި އެވެ. "ދިއްދޫ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ރައީސް މައުމޫނަށް ދަންނަވާނެ،" އޭނާ ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ ގުރުއާން މުބާރާތުގެ އިނާމް ދިނުމުުގެ ޖަލްސާގެ ދައުވަތު އެރުވުމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ މައުމޫން ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ރަށުގެ އާންމު ހާލަތާއި ތަރައްގީގެ ކަންކަމާ ބެހޭ ގޮތުން މައުމޫން މައުލޫމާތު ސާފުކުރެއްވި ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ. "ތިމަން މަނިކުފާނުގެ ރައީސްކަމުގައި އެންމެ ގިނައިން ވަޑައިގެންނެވި ރަށަކީ ދިއްދޫ ކަމަށް ރައީސް މައުމޫން ވިދާޅުވި،" އޭނާ ވިދާޅުވި އެވެ. ލަތީފު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ކޮންމެ ރޯދަ މަހަކު އޭނާ ބާއްވަވާ އެއް ލައްކަ ރުފިޔާގެ ގުރުއާން މުބާރާތުގެ މަގުސަދަކީ ދިއްދޫ "ރައްޔިތުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ގުރުއާން ކިޔެވުމުގެ ހުނަރު އާލާކޮށް ކުރިއެރުވުން" ކަމަށެވެ. ސަން ޓްރެވަލް އަހުމަދު ސިޔާމް މުހައްމަދުގެ ސަން ފައުންޑޭޝަންގެ އެހީއާ އެކު ބާއްވާ މި މުބާރާތުގައި މި އަހަރު 194 ދަރިވަރުން ވާދަކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ލަތީފު ވިދާޅުވ ގޮތުގައި، ބަލައިގެން ކިޔެވުމުގެ ގޮފީގައި 141 ކުދިންނާއި ހިތުން ކިޔެވުމުގެ ގޮފީގައި ވާދަކުރި 53 ކުދިންނެވެ. މިދިއަ އަހަރު އެއް ލައްކަ ރުފިޔާ ދިނީ ބަލައިގެން ކިޔެވުމުން އެއް ވަނަ ހޯދި ކުއްޖާ އަށް އެކަނި ކަމަށް ވިޔަސް މި އަހަރު ވަނީ ހިތުން ކިޔެވުމުގެ ބައިން އެއް ވަނަ އަށް ވެސް އެއްް ލައްކަ ރުފިޔާ ހުށަހަޅައިފަ އެވެ. ހއ. އަތޮޅުން ވާދަކުރާ ކުދިންނަށް ވަކި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ. މި މުބާރާތުގައި އިންސާފުކޮށްދެއްވީ މާލެއިން ގެންދިޔަ ހާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ