ރައްޔިތުންގެ ކުރިމަތީގައި ބޮޑާވެ ނުގަތުމަށާއި އެހެން ފިކުރުތަކަށް ނިސްބަތްވާ ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު އެގޮތަށް އިލްތިމާސް ކުރެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީއެމާއި، ގައުމީ ޔުނިވާސިޓީ ގުޅިގެން ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ރޭ ކުރިއަށް ގެންދިޔަ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ އިންތިޒާމްތައް ރަނގަޅުވުމާއި ގުޅިގެން އެ ދެ މުއައްސަސާއަށް ޝުކުރު އަދާކުރައްވާ ނެރުއްވި ބަޔާނެއްގަ އެވެ.
މި ބަހުސްގައި ރައީސް ނަޝީދުގެ އަމަލުތައް ބެހެއްޓެވި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ނަޝީދު ގެންގުޅުއްވި ބަސްމަގާ، ތަމްސީލުކުރެއްވި ހުތުރު ސުލޫކާމެދު ލަދުވެތިވެ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"... މި ބަހުސް ކުރިއަށް ގެންދެވުމުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ބަހުސްގެ ގަވައިދާ ހިލާފުވެ، ބަހުސް ހުށަހެޅުއްވި ޕްރެޒެންޓަރުގެ އިރުޝާދުތައް ވެސް ބޮލާލައި ޖައްސަވައި، އޭނާއާ ގައުމީ އެކި މައްސަލަތަކުގައި ކުރެވުނު ސުވާލުތަކަށް ސާފު ޖަވާބު ދެއްވުމުގެ ބަދަލުގައި، ވާދަވެރި އެހެން ކެންޑިޑޭޓުންނާ ހަޑިހުތުރު ޒުވާބެއް ފެއްޓެވުމަށް މަސައްކަތް ކުރައްވައި، ހަގީގަތާ ހިލާފު އެތައް ދޮގެއް ދިވެހި ރައްޔިތުންގެ ކުރިމަތީ ހެއްދެވިކަމީ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ." ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ނަޝީދު ބައެއް ކެންޑިޑޭޓުންނާއި ސަލާމް ކުރައްވާފައި ނުވާތީ އެކަމަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވީ ބަހުސް ނިމިގެން، އެހެން ރިޔާސީ ކެންޑިޑޭޓުންނާ އިސްލާމްދީނުގެ ރިވެތި ސަލާމުން ސަލާމް ވެސް ކޮށްލެއްވުމަކާ ނުލައި، އަވަސް އަވަހަށް ނަޝީދު ނުކުމެވަޑައިގަތްކަމީ އެމަނިކުފާނުގެ ފިނޑިކަމުގެ ހެއްކެއް ކަމަށެވެ.
"ގައުމުގެ ހުރިހާ ރައްޔިތުން ގޮވައިގެން ވެރިކަން ކުރަން ބޭނުން މީހަކު، އޭނާއާ ހިޔާލު ތަފާތު ކޮންމެ މީހަކާމެދު މިފަދަ ހަރުކަށި އުޞޫލަކަށް ކަންތައް ކުރާނަމަ، ހުރިހާ ރައްޔިތުން ގޮވައިގެން ޢަދުލުވެރި ވެރިކަމެއް ކުރާނީ ކިހިނަކުންތޯ އެވެ. ތިމާގެ ފިކުރާ ޚިލާފު ކޮންމެ މީހަކާ ގުޅުން ކަނޑާލައި، އެމީހަކަށް ފުރައްސާރަކުރަމުން ހިނގުމަކީ ޑިމޮކްރަސީ ތޯއެވެ؟" ނަޝީދުގެ އަމަލުތަކާ މެދު ސުވާލު އުފައްދާ ގާސިމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރިޔާސީ ބަހުސްގައި ނަޝީދު ސަލާމް ކުރެއްވީ ހަމައެކަނި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެވެ. ނަޝީދު ދެ ފަހަރެއްގެ މަތިން ޔާމީނާ ސަލާމް ކުރެއްވި އެވެ. ދެން ތިއްބެވި ދެ ކެންޑިޑޭޓުން ކަމުގައިވާ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމާއި ގައުމައިގެން ކުރިއަށް ކޯލީޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ، ބަހުސްގެ އެއްވެސް ހިސާބަކުން ނަޝީދު ސަލާމް ކުރައްވާފައެއް ނުވެ އެވެ. އަދި ބަހުސް ނިމުމާއެކު ނަޝީދު ވަނީ އަވަސް އަވަހަށް ނުކުމެ ވަޑައިގެންފައެވެ.
ގާސިމްގެ މިބަޔާނުގައި ރޭގެ ބަހުސްގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންނެވި އަނެއް ދެ ކެންޑިޑޭޓުން ކަމުގައިވާ އަބްދުﷲ ޔާމީނާއި ރައީސް ޑރ. މުހައްމަދު ވަހީދު ދެއްކެވި ކެތްތެރިކަމާ މަސްލަހަތު ހިޔާރުކުރެއްވީތީ އެ ދެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާފައިވެ އެވެ.
ރިޔާސީ ބަހުސްގެ އިންތިޒާމްތަކަށް ތައުރީފު ކުރައްވާ ގާސިމް ވިދާޅުވީ އެފަދަ ބަހުސެއް އިންތިޒާމް ކުރެއްވި ކަމަށްޓަކައި އެމްބީސީއާ ގައުމީ ޔުނިވަސިޓީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ދިވެހި ދައުލަތާ ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަގާމަށް ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުން އެއް ސްޓޭޖަކަށް ވަޑައިގެން ގައުމީ މައްސަލަތަކުގައި ވާހަކަދައްކަވައި ސިޔާސަތު ހާމަކުރުމުގެ ފުރުސަތެއް މިފަދަ ވަގުތެއްގައި ފަހިކޮށްދެއްވި ކަމީ ގައުމީ ޔުނިވަރސިޓީއާއި އެމްބީސީގެ ފަރާތުން ގައުމުގެ މަސްލަހަތާ އަދި ކުރިއެރުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުގެ ހެއްކެކެވެ. އަދި އެއީ ޑިމޮކްރަސީގެ އުސޫލުތައް އޭގެ އެންމެ ރިވެތިގޮތުގައި ބަލައިގަތުމުގެ މަގުގައި ކުރިއަށް އެޅުނު ފިޔަވަޅެއްވެސްމެ އެވެ" ބަޔާނުގައި ގާސިމް އިބްރާހިމް ވިދާޅުވެފައިވެ އެވެ.
އެހެން ކެންޑިޑޭޓުންނާ ނަޝީދު ސަލާން ނުކުރެއްވީ ފިނޑިކަމުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ