ކެންޑިޑެސީ ފޯމް މާދަމާ ހުށަހަޅާނަން: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް މާދަމާގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ގުޅުމާއި އަލަށް ގުޅުނު މަދަނީ އިއްތިހާދާއި، އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންގެންދާ ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއާ، ޤައުމީ ޕާޓީގެ ރައީސް އަދި ޖުމްހޫރީ ގުޅުމުމުގެ ރަނިންމޭޓް ޑރ. ހަސަން ސައީދާއެކު ބޭއްވި ނޫސްވެރިންގެ މިބައްދަލުވުމުގައި ޤާސިމް އިބްރާހިމް ވިދާޅުވީ މާދަމާ އިލެކްޝަނަށް ލިޔެކިޔުންތައް ހުށަހެޅުއްވުމަށްފަހު ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ރަސްމީކޮށް ފެށުން ލަސްނުވާނެ ކަމަށެވެ. އަދި ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯ އެގުޅުމުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންގެ ލަފަޔާ މަޝްވަރާ ހޯއްދެވުމަށްފަހު ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓް ޑރ. ޙަސަން ސައީދު ވިދާޅުވީ އޭނާ ޤާސިމް އިބްރާހިމްގެ ރަނިންމޭޓްކަން ޤަބޫލު ކުރެއްވީ ވަކި ހާއްސަ ޝަރުތުތަކަކާއެކު ނޫން ކަމަށާއި، ޤައުމުގެ ހާލަތު މިއަދު އޮތީ ކަންކަމަށް ޝަރުތުކޮށް ކަންކަން ކުރެވޭވަރަށްވުރެ ނިކަމެތި ހާލަތެއްގައި ކަމަށެވެ.
ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވައިފިނަމަ ދައުރު ހަމަނުކުރައްވާ އިސްތިއުފާ ދެއްވާނަންތޯ ދެންނެވުމުން ޑރ. ޙަސަން ވިދާޅުވީ ޖުމްހޫރީ ގުޅުމުން ވެރިކަމާއި ހަވާލުވާނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށާއި، އަދި ވެރިކަން ކުރަމުންގެންދާނީވެސް ޤާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ އަދާލަތު ޕާޓީއަކީ ދީނީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ކުރިއަށްދާ ޕާޓީއެއް ކަމަށާއި، ޖުމްހޫރީ ގުޅުމުން ދީނީ ކަންކަމަށް އިސްކަންދީ ޤައުމަށް ލާބަހުރި ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.
މިދިޔަ ތިން އަހަރު ޤައުމުގެ ހައްޤުގައި އިސްލާހަށް މަސައްކަތް ކުރެއްވި އިސް ފަރާތްތައް މިހާރު ޖުމްހޫރީ ގުޅުމާއި ގުޅިފައިވާތީ އެކަމާއި އުފާކުރައްވާ ކަމަށްވެސް ޝެއިހް އިމްރާން ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް އުފެއްދުމަށް އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ފަޔާޒު ވިދާޅުވީ އެޕާޓީގެ މައިގަނޑު މަޤުސަދަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތްތަކުން އުފައްދާފައިވާ ވިޔަފާރީގެ ސިނާއަތްތައް ހިމާޔަތް ކުރުން ކަމަށާއި، ޖުމްހޫރީ ގުޅުމާއި އެޕާޓީން ގުޅުނީ އެސިނާއަތްތައް ހިމާޔަތްކޮށްދެވޭނެ ހަމައެކަނި ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް އިބްރާހިމް ކަމަށް ޔަޤީންވުމުން ކަމަށެވެ.
މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުޙައްމަދު ވިދާޅުވީ އޭނާއަކީ ސިވިލް ސާވިސްގެ މުވައްޒަފުންނާއި ޓީޗަރުންގެ ހައްޤުތަކަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، ސިވިލް ސާވިސް މުވައްޒަފުންނާއި ޓީޗަރުންނަށް މިހާރު ލިބިފައިވާ ޒަހަމްތަކަށް ފަރުވާދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޤާސިމް އިބްރާހިމް ކަމަށެވެ. އަބްދުﷲ ވިދާޅުވީ މަދަނީ އިއްތިހާދުން ޖުމްހޫރީ ގުޅުމާ ގުޅުނީ ޤާސިމް އިބްރާހިމަކީ ކާމިޔާބު މާޒީއެއްވެސް އޮތް ޤައުމު ދެކެ ލޯބިވާ ބޭފުޅަކަށްވެސް ވާތީ ކަމަށާއި، އެފަދަ އެހެން ރިޔާސީ ކެންޑިޑޭޓެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ