ދައުލަތުން ވަކީލަކު ހަމަޖައްސައިނުދީގެން މާރާމާރީގެ މައްސަލައެއް ކޯޓުން ބޭރުކޮށްލަނީ

ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ދައުވާ ލިބޭ މީހަކަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައި ނުދީފި ނަމަ މައްސަލަ ބޭރުކޮށްލާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. މ. އައިޝާމަންޒިލް އިހުސާން ނަސީމަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ހ. ވައިޖެހޭ މަގުގައި މީހެއްގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދިންކަމުގެ ދައުވާ ލިބޭ މީހާ އެވެ. އެ މައްސަލައިގައި އިހުސާންގެ މައްޗަށް ދައުވާކޮށް، މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ކޯޓަށް ފޮނުވި ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައިގެ ޝަރީއަތް ކުރިއަކަށް ނުގެންދެވެ އެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭތީ އެކަމާ ގުޅޭގޮތުން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުން ކޯޓަށް ހާޒިރުކޮށް، މިއަދު ވަނީ ސުވާލުކޮށްފަ އެވެ. އޭގެކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލަކާއި ފުލުހުންގެ ބޭފުޅެއްގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލަކު ވެސް އެ މައްސަލައިގައި މިދިޔަ މަހު ކޯޓަށް ހާޒިރުކުރި އެވެ. މިއަދު ބޭއްވި މަޖިލީހުގައި އިސްގާޒީ އަބްދުﷲ މުހައްމަދު އެކަމާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރެއްވުމުން ޕީޖީގެ ވަކީލް ވިދާޅުވީ އިހުސާނަށް ވަކީލަކު ހަމަޖައްސައިދިން ކަމަށާއި ނަމަވެސް ގަވާއިދު އޮންނަ ގޮތުން އެ ވަކީލަށް ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭ ކަމަށެވެ. އެހެންވެ އެހެން ވަކީލަކު އިހުސާނަށް ހަމަޖައްސައިދޭން ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިވާ ކަމަށް ޕީޖީގެ ވަކީލް ވިދާޅުވި އެވެ. އެހެންވެ މައްސަލައިގެ ބާވަތަށް ބަލައި އިތުރު ފުރުސަތެއް ދޭން ޕީޖީން އެދުނެވެ. އެކަމަށް ރައްދު ދެއްވައި އިސްގާޒީ ވިދާޅުވީ އެކަމަށް ކޯޓުން ބަލަންނުޖެހޭނެ ކަމަށާއި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރަންޖެހޭނެ ކަމަށެވެ. އަދި މައްސަލައިގެ ސީރިއަސް ކަމަށް ބަލަންޖެހޭނީ ފުލުހުން އެކަނި ނޫން ކަމަށާއި ޕީޖީ އާއި އޭޖީން ވެސް އެކަމަށް ބަލަންޖެހޭނެ ކަމަށް އިސްގާޒީ އަބްދުﷲ ވިދާޅުވި އެވެ. ދައުލަތުގެ އެދުމުގެ މަތިން އެއް ދުވަހުގެ ފުރުސަތެއް އިސްގާޒީ ވަނީ ދައުލަތަށް ދީފަ އެވެ. އެ މުއްދަތުގައި އެކަން ނުކޮށްފި ނަމަ މައްސަލަ ބޭރުކޮށްލާނެ ކަމުގެ އިންޒާރު އިސްގާޒީ ދެއްވި އެވެ. އިހުސާނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކަށް ވުމުން މައްސަލަ ބޭރުކޮށްލައިފި ނަމަ އޭނާ ބަންދުން މިނިވަންވާނެ އެވެ. ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހުންގެ ތެރެއިން ވަކީލަކު ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައިދޭންޖެހޭނެ އެވެ. އެކަން ކޮށްދެމުންދަނީ ބަންޑާރަ ނައިބު އޮފީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ