އެމްޓީސީސީން ޓިކެޓްގެ އަގު ބޮޑު ކުރަންޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން: ޑީއާރުޕީ

ހުޅުމާލެ އާއި ވިލިމާލޭ ފެރީގެ ޓިކެޓުގެ އަގު އެމްޓީސީސީން ބޮޑު ކުރަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ޑީއާރުޕީން އިއްޔެ ބުނެފި އެވެ. ޑީއާރުޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު ވިދާޅުވީ އެމްޓީސީސީއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށް ވާތީ ސަރުކާރުން އެ ކުންފުނި ނަގަހައްޓަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. "ސަރުކާރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާތީ އެ ކުންފުނިތައް ބަނގުރޫޓް ވަނީ. އެމްޓީސީސީ އަށް ނުދީ ހެވީލޯޑް ފަދަ ކުންފުނިތަކަށް އެބަދޭ ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތައް. އެމްޓީސީސީ އަށް ވުރެ ބިން ހިއްކުމަށް ގާބިލް އަދި ތަޖުރިބާކާރު ކުންފުންޏެއް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި އެމްޓީސީސީ އަކީ މީގެ ކުރިން ފައިދާވަމުން އައި ކުންފުންޏެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ކުންފުންޏަށް ގެއްލުވަމުންދާ ގޮތަށް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ދީފައިވާ ކަމަށް ޝަރީފު ތުހުމަތު ކުރެއްވި އެވެ. އަދި އޭނާ ވިދާޅުވީ ތަކެތީގެ އަގު ބޮޑުވަމުންދާ މި ދަނޑިވަޅުގައި އެމްޓީސީސީން އެއްވެސް ވިސްނާލުމެއް ނެތި ފެރީގެ އަގު ބޮޑު ކުރުމަކީ ރައްޔިތުންނަށް ލިބުނު އިތުރު ޝޮކެއް ކަމަށެވެ. ޑީއާރުޕީން ބުނީ ހުޅުމާލެ އާއި ވިލިމާލޭ ރައްޔިތުންނަށް އެމްޓީސީސީން ދޭ ފެރީގެ ހިދުމަތަކީ އާންމު ހިދުމަތަކަށްވާއިރު އަގު ބޮޑުވިޔަ ނުދީ، ސަރުކާރުން ސަބްސީޑީ ދީގެން ނަމަވެސް އެ ހިދުމަތް ވީހާ ވެސް އަގު ހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. ޑީއާރުޕީން ބުނީ ސަރުކާރު ކުންފުނިތައް ބަނގުރޫޓްވާ އަނެއް ސަބަބަކީ ގާބިލްނޫން މީހުންނަށް ކުންފުނިތައް ހިންގަން ހަވާލުކުރުން ކަމަށެވެ. ޝަރީފު އިތުރަށް ވިދާޅުވީ ސަރުކާރުން ވައުދުތައް ފުއްދުމަށްޓަކައި ބޮޑެތި ކަންކަމަށް ގިނަ ފައިސާތަކެއް ހަރަދުކުރާއިރު ކުދި ކަންތައްތައް "ބޮއްސުން" ލައިގެން ގޮސްފައިވާ ކަމަށެވެ. ވިލިމާލެ އާއި ހުޅުމާލޭގެ ފެރީގެ ޓިކެޓް ބޮޑުކުރަން އެމްޓީސީސީން ނިންމާފައި ވަނީ އަންނަ މަހުގެ 30 އިން ފެށިގެންނެވެ. ހުޅުމާލޭގެ ފެރީގެ ޓިކެޓް ބޮޑުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ހުޅުމާލޭގައި އިއްޔެ ވަނީ ބޮޑު މުޒާހަރާއެއް ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ