އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ޗީފް އާއި މާލެ އޭރިއާ ކޮމާންޑަރާ ސުވާލުކޮށްފި

ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު، އެމްއެންޑީއެފުން ހައްޔަރުކުރި މައްސަލާގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި މާލެ އޭރިއާ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމްދީދީއާ ފުލުހުން ސުވާލުކޮށްފި އެވެ. "ހަވީރަ" ށް އެނގިފައިވާ ގޮތުގައި މޫސާ އަލީ ޖަލީލާ ސުވާލުކުރީ އިއްޔެ އެވެ. އަދި އިބްރާހިމްދީދީ ފުލުސް އޮފީހަށް ހާޒިރުކުރީ މިއަދު މެންދުރު ފަހު ތިނެއް ޖަހާކަންހާއިރު އެވެ. އޭނާގެ ގާނޫނީ ވަކީލަކަށް ވަޑައިގަތީ ހުސްނުއް ސުއޫދެވެ. އިބްރާހިމްދީދީއާ ގުޅޭ ގޮތް ނުވުމުން އޭގެ އިތުރު ތަފުސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި ފުލުހުން ވެސް އޭގެ އެއްވެސް ތަފުސީލެއް ނުދެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅުނު ދުސްވަރު ރައީސް ނަޝީދަށް އެހީތެރިވުމުގައި އިސް ދައުރެއް އަދާކުރެއްވީ އިބްރާހިމްދީދީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދީފަ އެވެ. ޖެނުއަރީ 16 ގައި އަބްދުﷲ ގާޒީ ހައްޔަރުކޮށް، ގިރިފުށީގައި ގެންގުޅުމަށް ފަހު އޭނާ ދޫކޮށްލީ، ނަޝީދުގެ ވެރިކަން މިދިޔަ އަންގާރަ ދުވަހު ވެއްޓުމަށް ފަހު ހަމަ އެ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ