ޕްރީ ސްކޫލް ޓީޗަރުންނަށް މުސާރަ ދޭނެ ފައިސާއެއް ނެތް: އައްޑޫ ކައުންސިލް

އައްޑޫގެ ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް މިދިޔަ ސެޕްޓެމްބަރުން ފެށިގެން މުސާރަ ނުދެވިގެން އުޅެނީ ކައުންސިލްގެ ބަޖެޓްގައި އެ ކަމަށް ފައިސާ ނެތިގެން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ. ކައުންސިލުން މިއަދު އާންމުކުރި ބަޔާނެއްގައިވާ ގޮތުން އައްޑޫގެ 10 ޕްރީ ސްކޫލަކަށް ލާމަރުކަޒީ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ކައުންސިލުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެ ގޮތުން އެ ސްކޫލްތަކުގެ ޓީޗަރުންނަށް ކޮންމެ މަހަކު ކައުންސިލުން އަންނަނީ މުސާރަ ދެމުންނެވެ. އެހެން ނަމަވެސް ކައުންސިލްގައި ބަޖެޓް ނެތިގެން މިދިޔަ ސެޕްޓެމްބަރުން ފެށިގެން މުސާރަ ނުދެވޭތީ، ޕްރީ ސްކޫލްތަކުގެ ޝަކުވާތައް ބޮޑުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. ދައުލަތުން ކައުންސިލަށް މި އަހަރުގެ ދިން ބަޖެޓުން ޕްރީ ސްކޫލްތަކަށް ލިބުނީ 2،730،000ރ. އެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރާ ހަމައަށް 2،240،998ރ. ހަރަދުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ އޭގެ ފަހުން މި މަހުގެ ނިޔަލާ ހަމައަށް ޕްރީ ސްކޫލް ޓީޗަރުންނަށް މުސާރަ ދިނުމަށް އިތުރަށް 159،399ރ. ބޭނުންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ