ތަސްމީންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ރައީސް މުހައްމަދު ވަހީދުގެ ރަނިން މޭޓް އަހުމަދު ތަސްމީން އަލީގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. ތަސްމީންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޖޫން 26 ގައި މުސްތަފާ މައްސަލަ ހުށަހެޅުއްވީ ތަސްމީނުގެ އާއިލީ ހިއްސާ އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނުތަކަކަށް ފައިސާ ނުދައްކާ މައްސަލަ އާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެން ނާޒިމް ކޯޓަށް ވަޑައިގެންނެވި މައްސަލައިގަ އެވެ. މުސްތަފާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ބެންޗްގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް ނާޒިމަށް ތަސްމީން ދައްކަންޖެހޭ 1.9 މިލިއަން ރުފިޔާގެ މައްސަލަ ތަސްމީން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރައްވާފައި އޮތުމުންނެވެ. މުސްތަފާ މައްސަލަ ހުށަހަޅުއްވާފައި ވަނީ ވެސް ނާޒިމަށް ތަސްމީން ފައިސާ ދައްކަވަންޖެހޭ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އޮތް މުއްދަތު ހަމަވުމުގެ ކުރިންނެވެ. ތަސްމީން ވަނީ ނާޒިމަށް ފައިސާ ދޭންޖެހޭ މައްސަލަ އިލްތިމާސް ކުރެއްވުމަށް ފަހު އެ ދަރަނި ވެސް ހަލާސް ކުރައްވާފަ އެވެ. ސާބިތު ދަރަނީގެ މައްސަލައެއްގައި ތިމަރަފުށީ ގޮނޑި ގެއްލިވަޑައިގެންނެވި މުސްތަފާ ވިދާޅުވީ އެ މައްސަލައިގައި ތަސްމީނުގެ ޕާސްޕޯޓް ހިފަހައްޓައި، ބޭންކް އެކައުންޓް ޕްރީޒްކުރުމަކީ އުސޫލާ އެއްގޮތަށް ދަރަނި އަދާނުކުރުން ކަމަށާއި އެހެންވެ އޭނާގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ