މެމްބަރު މުހައްމަދު ރަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަށް އޭނާ އިންކާރުކޮށްފި

ފެބްރުއަރީ 8، 2012 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ. ފެބްރުއަރީ 8 ގެ ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ހަމަލާދިނުމަށާއި އިމާރާތްތަކަށް ގެއްލުންދިނުމަށް ގޮވާލި ކަމަށް ބުނެ މެމްބަރު ރަޝީދުގެ މައްޗަށް ކުރާ އެ ދައުވާ ކުރިން ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އެވެ. އަދި ކުރިން އޮތީ ދައުލަތުގެ ދައުވާ އިއްވައިފަ އެވެ. މިއަދު އޮތް ޝަރީއަތުގައި ރަޝީދު ވިދާޅުވީ އެ ދައުވާ އަށް އިންކާރުކުރާ ކަމަށާއި އިތުރަށް ވާހަކަ ދައްކާނީ އޭނާގެ ވަކީލް ކަމަށެވެ. ރަޝީދުގެ ދިފާއީ ވަކީލާ އައިމިނަތު ޝެޒްލީނާ ވިދާޅުވީ އޭނާ އެ މައްސަލައިގެ ވަކީލަކަށް ހަމަޖެހުނީ ވަރަށް ފަހުން ކަމަށް ވާތީ މައްސަލަ ދިރާސާކޮށް، ދައުވާ އަށް ތަފްސީލީ ޖަވާބެއް ދިނުމަށް އިތުރު ފުރުސަތަކަށް އެދޭ ކަމަށެވެ. އަދި ދިފާއުގައި ހެކި ހުށަހަޅަން ވެސް އިތުރު ފުރުސަތަކަށް އޭނާ އެދުނެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ މައްސަލަ ކޯޓުގައި އޮންނަތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށާއި އެހެންކަމުން ތަފްސީލުކޮށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު މިހާރު ލިބިފައިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ތަފްސީލުކޮށް ޖަވާބުދާރީވުމަށްޓަކައި އިތުރު އަޑުއެހުމެއް ނުބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނަންގަވާނެ ކަމަށާއި ނަމަވެސް ހެކިބަސް ނަގަން ފެށުމުގެ ކުރިން ދައުވާ އަށް ތަފްސީލުކޮށް ޖަވާބު ދިނުމަށާއި ދިފާއުގައި ހެކި ހުށަހެޅުމަށް ރަޝީދަށް ފުރުސަތު ދެވޭނެ ކަމަށެވެ. އަދި ހެކިބަސް ނަގަން ފެށުމަށް ފަހު އެ ފުރުސަތު ބަންދުވާނެ ކަމަށް ގާޒީ އަބްދުﷲ ދީދީ ވިދާޅުވި އެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ ޖުމްލަ 26 ހެއްކަކު ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ދެން އޮންނަ މަޖިލީސް އަންނަ މަހުގެ ފަހުކޮޅު އޮންނާނެ ގާޒީ ވިދާޅުވި އެވެ. އެ މައްސަލަ ކުރިން ބެއްލެވީ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ބޭއްވިއިރު މައްސަލަ ބެއްލެވުން ވަނީ ގާޒީ އަބްދުﷲ ދީދީއާ ހަވާލުކޮށްފަ އެވެ. މެމްބަރު ރަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައިވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާ ދެމެދުގެ ވަގުތެއްގައި، ސ. ގަމަށް ދާން އޮންނަ ކޯޒްވޭގައި ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލުމަށް ގޮވާލާފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާގައި އިތުރަށް ވާ ގޮތުން ގަން ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމަށް ވެސް މެމްބަރު ރަޝީދު ގޮވާލާފައިވެ އެވެ. އަދި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީގައި ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް ވެސް އޭނާ ގޮވާލާފައިވާ ކަމަށް އެ ދައުވާގައިވެ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމުގެ ހުކުމެއް ރަޝީދުގެ މައްޗަށް އަންނާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ. ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު ހުކުމެއް މެމްބަރެއްގެ މައްޗަށް އަތުވެއްޖެނަމަ އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިިގެން އައްޑޫ އިން އެކަނިވެސް 80 އާ ގާތްކުރާ އަދަދެއްގެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ފޮނުވާފައިވާއިރު ގދ. ތިނަދޫ އިން ވެސް އެތައް ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މައްސަލަތައް ހުރީ ހުއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ