ޕީޕީއެމްގެ ޖަލްސާ އަށް ނުދިޔައީ ކޯލިޝަންގެ ހަރަކާތަކަށް ނުވާތީ: ގާސިމް
މިދިޔަ މަހުގެ 22 ގައި ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ކޯލިޝަނަށް ލިބުމުގެ އުފަލުގައި ޕީޕީއެމުން ބޭއްވި "ޝުކުރިއްޔާ ގައުމު" ޖަލްސާ ގައި ޖުމްހޫރީ ޕާޓީން ބައިވެރި ނުވީ އެއީ ކޯލިޝަންގެ ހަފުލާ އަކަށް ނުވާތީ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާއިމް ރޭ ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ ގިނަ ގޮނޑިތަކެއް ޖުމްހޫރީ ޕާޓީ އަށް ލިބުުމުގެ އުފަލުގައި ތާޖުއްދީން ސްކޫލުގައި ބޭއްވި "ދިވެހި ރައްޔިތުންނަށް ސާބަސް" ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ޕީޕީއެމުން ބޭއްވީ ކޯލިޝަންގެ ބައްދަލުވުމެއްގެ ގޮތުގައި ލައުޑް ސްޕީކަރުން ގޮވި ނަމަވެސް، އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީ އަށް ވާހަކަ ދައްކަން ފުރުސަތެއް ނެތް ކަމަށެވެ. އަދި އެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ މެންބަރަކަށް ވާހަކަ ދައްކާލަން ފަސް މިނިޓު ނަަމަވެސް ދިނުމަށް ޕީޕީއެމްގައި އެދިވަޑައިގެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ. "ބައެއް ބޭފުޅުން ސުވާލުކުރޭ ޕީޕީއެމުން ބޭއްވި ޖަލްސާ އަށް އަޅުގަނޑު ނުދިޔައީ ކީއްވެގެންތޯ؟ އޭގެ ޖަވާބުގަ ދަންނަވާލާނީ ކޯލިޝަން ޖަލްސާގެ ގޮތުގައި ލައުޑް ސްޕީކަރުން ގޮވަމުން ދިޔައިރު، އެ ޖަލްސާގައި ނެތް އަޅުގަނޑުމެންނަށް އެއްވެސް ވާހަކަ ދެއްކުމެއް. ޕީޕީއެމްގެ ދެ ބޭފުޅުން ވާހަކަ ދައްކާފައި ނިންމާލާ ގޮތަށް އޮތީ. ތިން ގަޑިއިރެއް ހާއިރު ކުރިން އެޖެންޑާ ބަދަލުކޮށް، ފަސް މިނިޓެއް ހާއިރު ދެއްވަން އެދުނިން. ނަމަވެސް އެ ޕާޓީގެ ބޭފުޅެއްގެ ފަރާތުން އެނގުނީ ލީޑާޝިޕުން، އެޖެންޑާ ބަދަލުކުރެވެން ނެތް ކަމަށް ބުނި ކަމަށް. އެހެންވެ ދެންނެވިން، ވަަރަށް އަދަބު ވެރިކަމާ އެކު ތިއީ ކޯލިޝަންގެ ޖަލްސާ އަކަށް ނުވާތީ ތި ޖަލްސާ އަކަށް ނުދާނަމޭ. އެޖެންޑާ ހެއްދެވިއިރު ވެސް އެނގިފައެއް ނެތް," މިހާރު ވެސް މާމިގިލީ ދާއިރާގެ މެމްބަރު އަދި 18 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ ގޮނޑި ފަސޭހަ ކަމާ އެކު ކާމިޔާބު ކުރެއްވި ގާސިމް ވިދާޅުވި އެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.--ހަވީރު ފޮޓޯ: މުހަންމަދު ޝަރުހާން ގާސިމް ވިދާޅުވި ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން 28 ދާއިރާ އަކަށް ކުރިމަތިލިއިރު، 10 ދާއިރާއެއްގެ ގޮނޑި ނުލިބުނީ "ދިމާވި މައްސަލަތަކެއްގެ" ސަބަބުންނެވެ. ނަމަވެސް އެ މައްސަލަތައް ދިމާނުވި ނަމަ 25 ގޮނޑި ޖުމްހޫރީ ޕާޓީ އަށް ކާމިޔާބު ކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ސަރުކާރުގެ ކޯލިޝަނަށް ރައްޔިތުން މަޖިލީހުގެ "ސުޕަ މެޖޯރިޓީ" ރައްޔިތުން ދިނީ، ދިވެހި ރައްޔިތުންގެ އުންމީދުތަކެއް އޮތުމުން ކަމަށެވެ. އަދި އެ ކަންތައްތައް މަތިން ހަނދާން ނައްތާލައި "ހަރާންކޯރު" ވެއްޖެ ނަމަ ޖެހޭނީ ސުމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މެނިފެސްޓޯގައި ހުރި ކަންތައްތަކާއި އަޅުގަނޑުމެންގެ އަހުދާއި ވަހުދު އުވާލެވިގެން ނުވާނެ. އެކަމަށް ހަޔާން ކޯރުވާން ޖެހިއްޖެ ނަަމަ ތާކުންތާކު ނުޖެހޭނެ. އަޅުގަނޑުމެން، ރައްޔިތުންނާ އެކަކު އަނެކަކަށް ވީ ވަހުދު ގެންދަން ޖެހޭ. ވަކި މީހަކަށް ހިދުމަތް ކުރާ ބަޔަކަށް ވެގެން ނުވާނެ," ގާސިމް ވިދާޅުވި އެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާ.---ހަވީރު ފޮޓޯ: މުހަންމަދު ޝަރުހާން އޭނާ ވިދާޅުވީ ސިޔާސީ މަގާމުތަކާއި މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރާއިރު ޖޭޕީގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓީ އަށް 35 ޕަސެންޓް ދޭނެ ކަމަށް ކުރިން ބުނެފައިވާއިރު މިހާތަނަށް ދިނީ 29 ސިޔާސީ މަގާމެވެ. "މިއީ ސަރުކާރުގެ 35 ޕަސެންޓް ކަމަށް ވާ ނަމަ އަޅުގަނޑުމެން ވެސް މިތިބީ ވަރަށް އުފަލުން. އަދި ޕާޓީގެ ރައްޔިތުން ވެސް ތިބީ އުފަލުން. މިސާލަކަށް 300 ނުވަތަ 400 މަގާމު އޮތް ކަމަށް ވާ ނަމަ އޭގެ 35 ޕަސެންޓަކީ ކިހާވަރެއްތޯ؟ 35 ޕަސެންޓް ވިއްޔާ 100 އަށް ވުރެ ގިނަ ވާނެ. ޕާޓީގެ މީހުން ވެސް ވަރަށް އުފާވާނެ އެގޮތަށް އޮތިއްޔާ. އެހެން ނޫން ކަމަށް ވިއްޔާ ޖެހޭނީ އެކަމާ މެދު ބަލާލަން," ގާސިމް ވިދާޅުވި އެވެ. ރޭގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް އަދި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝިޔާމާ މުހައްމަދުގެ އިތުރުން ގިނަ ބަޔަކު ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ