މަރުގެ އަދަބާ މެދު ޝަހީދު ދެއްކެވި ވާހަކަ ތަހުގީގުކުރަންޖެހޭ: އިސްލާމިކް މިނިސްޓަރު
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފެށުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވުމަކީ ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު މިރޭ ވިދާޅުވެއްޖެ އެވެ. މަރުގެ ހުކުމް ތަންފީޒް ކުރުމާ ގުޅޭ ގޮތުން ޑރ. ޝަހީދު މި މަހުގެ 12 ވަނަ ދުވަހު ކުރެއްވި ޓްވީޓާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ތަހުގީކޮށް ދޭން އެދި ދިވެހިންގެ ތެރެއިން ބަޔަކު ޝަރުއީ ކޯޓަކަށް ވެސް ހުށަހަޅަން ޖެހޭ ކަމަށެވެ. އެއީ ތަހުގީގު ކުރަން ޖެހޭ ވަރުގެ ވާހަކަތަކެއް ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ އދ. އިން އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ޑރ. ޝަހީދު އެފަދަ ވާހަކަތަކެއް ދެއްކެވީ މި އަހަރުގެ ބައިނަލްއަގާވީ އިންސާނީ ހައްގުތަކުގެ ދުވަހު ފާހަަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި ހުޅަނގުގެ އެހެން ގައުމުތަކުގައި އިންސާނީ ހައްގުތަކުގެ މިނިވިކަން އޮންނަ މިންވަރަށް ރާއްޖޭގައި ހައްގުތައް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ދީނީ މިނިވަންކަމާއި އެއްޖިންސުން ކައިވެނި ކުރުން ފަދަ ހައްގުތަކަކީ ރާއްޖޭގައި ދެވޭނެ ހައްގުތަކެއް ނޫން ކަމަށް ވިދާޅުވި އެވެ. ޑރ. ޝަހީދު: އޭނާ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ސަރުކާރަށް ހެދޭނެ ބޮޑު ގޯހެއް ކަމަށް. --ހަވީރު ފައިލް ފޮޓޯ މިނިސްޓަރު ޒިޔާދު ވިދާޅުވީ ޑރ. ޝަހީދު ދެއްކެވީ "ފުރިހަމަ މުސްލިމެއްގެ ގޮތުގައި ސާބިިތުވެ ހުރެ ދައްކާ ކަހަަލަ ވާހަކައެއް" ނޫން ކަމަށެވެ. "ޑރ. ޝަހީދުގެ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫން. އެ މަނިކުފާން މީގެ ކުރިން ވެސް ހުރީ އެފަދަ ވާހަކަތަކެއް ދައްކަވާފައި އިސްލާމް ދީނާ ބެހޭ ގޮތުން. އެހެންވީމާ ގައުމަށް ހެޔޮ އެދިގެން ދިވެހި ދަރިއަކު ދައްކާނެ ވާހަކަތަކެއް ނޫން އެއީކީ،" މިނިސްޓަރު ވިދާޅުވި އެވެ. "އިސްލާމް ދީން މަތީގައި ސާބިތުވެ ހުރެ ދީން ރަނގަޅަށް އެނގި، ދީނުގެ ހުކުމްތައް ރަނގަޅަަށް އެނގި ހުރެ ދީނަށް ލޯބި ކުރާ މީހަކު ދައްކާނެ ވާހަކަތަކެއް ނޫން [ޑރ. ޝަހީދު] ދެއްކެވީކީ." މިނިސްޓަރު ވިދާޅުވީ ޑރ. ޝަހީދުގެ ވާހަަކަތައް ތަހުގީގުކޮށް ދޭން ޝަރުއީ ކޯޓަކަށް ހުށަހެޅުމުން ކޯޓުން، އޭނާއަކީ ކޮން ކަހަަލަ މީހެއްކަން ނިންމާނެ ކަަމަށެވެ. "އެހެންވީމާ އިސްލާމަކަށްވެ ހުރެ އެކަހަަލަ ވާހަކަތަައް ދެއްކުމަކީ އެ މީހެއްގެ އަގީދާއާ ދޭތެރޭ ޝައްކު އުފައްދަން ޖެހޭ ވަރުގެ ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ. "އެފަދަ ވާހަކަތައް ދެއްކުމަކީ ދީނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް." ޒިޔާދު ވިދާޅުވީ މަރުގެ އަދަބު ދިނުން ނުވަތަ ގިސާސް ހިފުމަކީ އިސްލާމް ދީނުގައި ވަރަށް ސާފުކޮށް އައިސްފައި އޮތް ހުުކުމެއް ކަމަށެވެ. އެހެންވެ އެފަދަ ނިންމުންތަކަށް ގޮންނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. "އެހެންވީމާ މި މައްސަލަ ތަހުގީގުކޮށް ދިނުމަށްޓަކައި ދިވެހިންގެ ތެރެއިން ބަޔަކު ތެދުވެ ޝަރުއީ ކޯޓަކަށް، ޑރ. ޝަހީދު ދެއްކެވި ވާހަކަ އެ މަނިކުފާން ކުރެއްވި ޓްވީޓާ ގުޅޭ ގޮތުން ތަހުގީގުކޮށް ދިނުމަށް އެދި ހުށަހަޅަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ޒިޔާދު ވިދާޅުވީ މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ކޯޓްތަކަށް ހުށަހަޅައިފައި އެބަހުރި ކަމަށެވެ. "މިއަދު ފާޅުގައި މިއޮތީ ޓްވީޓް ކުރައްވާފައި މިހެން މިގޮތަށޭ ކަންތައްތައް ދަނީ. އެހެންވީމާ ތެދުވަން އެބަ ޖެހޭ [ބަޔަކު] ގައުމަށްޓަކައި ދީނަށްޓަކައި ދައުވާ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ