އަހުމަދު އަރުޝަދު
ރައްޔިތުންގެ މަޖިލީހުގެ ތ.ތިމަރަފުށީ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރެއްވި ޤާނޫނީ ވަކީލު އަބްދުﷲ ޝާއިރުގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލައިގެ އަޑުއެހުން މިއަދު ނިންމާލައިފިއެވެ.މިއަދު ހެނދުނު 11.00 ޖެހިއިރު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ޝާއިރުގެ ފަރާތުން ވަކާލާތު ކުރައްވަމުން ވަކީލު އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލެއްވުމަށް ޝާއިރުގެ ފަރާތުން 11 މާޗް ވަނަ ދުވަހުގެ 55: 14 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ހުރިހާ އެއްޗެއް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ކަންދިމާކުރިގޮތުން އެވަގުތު އެތާ ކަރަންޓް ނެތުމުގެ ސަބަބުން ތަކެތި ބަލައިގަތްކަމުގެ ސްލިޕް ދޫކުރެވެން ނެތް ކަމަށް އިލެކްޝަންސް އިން އެންގި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ޖެހިގެން އައިދުވަހު 50 މީހުންގެ ސޮއި ހިމެނޭ ސޮފްޓް ކޮޕީ ހުށަހަޅާފައިވަނީ ގަޑި ޖެހިގެން ކަމަށް ކޮމިޝަނުން އެންގި ކަމަށްވެސް އަފީފު ވިދާޅުވިއެވެ.ރައްދުގައި އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ތޮލާލް ވިދާޅުވީ އިއުލާންގައިވާ 50 މީހުންގެ ސޮއި ހިމެނޭ ސޮފްޓް ކޮޕީ ޝާއިރުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ ވަގުތު ހަމަވި ފަހުންކަމަށެވެ. އަދި ތަކެތި ބަލައިގަތްކަމުގެ ސްލިޕް ހަވާލުކުރެވިފައިނުވަނީ 50 މީހުންގެ ސޮއި ހިމެނޭ ސީޑީގައި ވަނީ ކޮން އެއްޗެއްކަމަށް ކޮމިޝަނަށް އެނގިފައިނުވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ނަމަވެސް ޝާއިރު ވިދާޅުވީ ސޮަފްޓް ކޮޕީ ހުށަހަޅުއްވާފައި ވަނީ މާޗް 11 ވަނަ ދުވަހުގެ 00: 15 ގެ ކުރިން ކަމަށެވެ. އަދި ގަޑި ޖެހިގެން ދިޔަނަމަ ކޮމިޝަނުން އެއާ ހަވާލުވެފައިވަނީ ކީއްވެގެންތޯ ޝާއިރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.ދިފާޢުގައި ތޮލާލް ވިދާޅުވީ ގަޑި ޖެހިގެން ދިޔަކަމުގައިވިޔަސް ކޮމިޝަނުން އެ ލިޔެކިޔުންތައް ބަލައިގަންނާނެ ކަމަށާއި ނަމަވެސް އެތަކެތި ހުށަހަޅާފައިވަނީ ގަޑި ޖެހިގެން ކަމަށްވާތީ އެ ލިޔެކިޔުންތައް ކޮމިޝަނަށް ބަލައިގަނެވެން ނެތް ވާހަކަ ފަހުން އަންގަވާނެ ކަމަށެވެ. އަދި އެދުވަހު ލިޔެކިޔުންތައް ހަވާލުކުރީ ގަޑި ޖެހުމަށްފަހުން ކަމުން އެކަން އިލެކްޝަންސް ކޮމިޝަނުން ޝާއިރަށް އަންގަވާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.މިމައްސަލަ ވީހާވެސް އަވަހަށް ނިންމައިދިނުމަށް ކޯޓުގައި އެދިވަޑައިންނަވާ ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުލް ޣަނީ ވިދާޅުވީ މައްސަލައިގެ އަޑުއެހުން ނިމުނީ ކަމަށާއި ދެން އޮންނާނީ ޙުކުމް އިއްވުން ކަމަށެވެ.
އަބްދުﷲ ޝާއިރުގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ