މައުމޫން ފައުންޑޭޝަންގެ ޗެއާމަންކަމަށް އަނެއްކާ ވެސް މައުމޫން ހޮވައިފި
ދަ މައުމޫން ފައުންޑޭޝަންގެ ޗެއާމަން ކަމަށް އަނެއްކާ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮވައިފި އެވެ. އެ ފައުންޑޭޝަނުން މިރޭ ޝީ ބިލްޑިންގުގައި ބޭއްވި ތިން ވަނަ އަހަރީ އާއްމު ޖަލްސާގައި ވަނީ ހިންގާ ކޮމިޓީ އަށް މެމްބަރުން އިންތިހާބުކޮށްފަ އެވެ. އެގޮތުން ޗެއާމަންގެ އިތުރުން ވައިސް ޗެއާމަން އާއި ޖެނެރަލް ސެކްރެޓަރީގެ މަގާމަށާއި ހަޒާންދާރު އަދި ސެކްރެޓަރީގެ މަގާމުގެ އިތުރުން އިތުރު ހަ މެމްބަރަކު ވަނީ ހޮވައިފަ އެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ޗެއާމަން މައުމޫން ވިދާޅުވީ ހިންގާ ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރުމަށް އާއްމުކޮށް ހުޅުވާލުމުން ކުރިމަތިލާފައި ވަނީ ހޮވަން ޖެހޭ އަދަދަށް ކަމަށްވާތީ ވޯޓަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ހިންގާ ކޮމިޓީ އާއި އިތުރު ހަ މެމްބަރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 30 މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. މައުމޫން ފައުންޑޭޝަންގެ ޗެއާމަނަށް މައުމޫން ހޮވިއިރު ވައިސް ޗެއާމަނަށް ހޮވާފައި ވަނީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނެވެ. އަދި ޖެނެރަލް ސެކްރެޓަރީއަކަށް މިހާރު ހުންނެވި އައްބާސް އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އަހުމަދު އަލިމަނިކު ހޮވިއިރު ހަޒާންދާރަށް ހޮވާފައި ވަނީ އާދަމް ނައީމެވެ. އަދި ސެކްރެޓަރީއަކަށް ހޮވާފައި ވަނީ މުހައްމަދު އިގުބާލެވެ. އެ ފައުންޑޭޝަންގެ އަހަރީ ރިޕޯޓް އިއްވަވަމުން ޖެނެރަލް ސެކްރެޓަރީ އައްބާސް ވިދާޅުވީ މައުމޫން ފައުންޑޭޝަންގެ އެހީގައި މިހާރު ވެސް 21 ކުއްޖަކު އިންޑިއާގެ ގާޑަން ސިޓީ ކޮލެޖުގައި ކިޔަވަމުން އަންނަ ކަމަށެވެ. މި ޖަލްސާގައި އެ ފައުންޑޭޝަންގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ފާސްކުރުން އޮތެވެ. އެކަމަށް ވޯޓަށް އެހުމުން 30 މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ. އެ ޖަލްސާ އަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫ ހޮންގުޔާއޯ ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ