ދައުލަތުގެ ބާރުތައް އެކުލެވިފައިވަނީ ނުރައްކާތެރި ގޮތަކަށް: ޑރ. ސައުދު

ދައުލަތުގެ ތިން ބާރު މިހާރު އެކުލެވިގެން ވަނީ ނުކުރައްކާތެރި ގޮތެއްގައި ކަމަށާއި ކޮމަންވެލްތުން އަވަސް އިންތިހާބަކަށް ދިއުމަށާއި އިންކުއަރީ ކޮމިޝަން އަލުން އެކުލަވާލަން ގޮވާލީ އެހެން ވެގެން ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޑރ. މުހައްމަދު ސައުދު ވިދާޅުވެއްޖެ އެވެ ސައުދުގެ ބްލޮގުގައި ވިދާޅުވެފައިވަނީ ޑރ. ވަހީދުގެ އެއްބައިވަންތަކަމުގެ ސަރުކާރާ އެކު ތިން ބާރު އެކުވެފައިވާ ކަމަށާއި އެއީ ގާނޫނު އަސާސީއާ ފުށުއަރާ ކަމެއް ކަމަށެވެ. ސަރުކާރުގައި ބައިވެރިވާ ޕާޓީތަކުގެ ލީޑަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީންގެ ނަން ސައުދު ފާހަގަކުރައްވާފައިވެ އެވެ. އަދި އަދުލްއިންސާފް ގާއިމުކުރުމުގެ ބާރަށް ބަލާއިރު، ޖުޑިޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ) ގައި ގާސިމް އިންނަވާއިރު، ޑީއާރުޕީ އާއި ޕީޕީއެމް އިން ތާއިދުކޮށް ހޮވާފައިވާ ބޭފުޅުން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ގައުމެއްގެ ޑިމޮކްރަސީ އާއި ދައުލަތުގެ ތިން ބާރު މިއަށްވުރެ ޚަރާބުވާނެ އެހެން ގޮތެއް އޮންނާނެތޯއެވެ. މިދެންނެވި ކަންކަމުގެ އިތުރުން މީޑިއާ އާއި ދައުލަތުގެ ބޮޑެތި ސިނާއަތްތަކާއި ވިޔަފާރިވެސް ކޮންޓްރޯލް ކުރައްވަނީ ހަމަ އެއް ބޭފުޅުން ކޮޅެކެވެ،" ސައުދު ވިދާޅުވެފައިވެ އެވެ. "ދިވެހިރާއްޖޭގައި މިއޮތީ އުސޫލުތަކާއި ހަމަތަކުން ނެއްޓި ނުފޫޒުގަދަ ބަޔަކު ދައުލަތުގެ ތިންބާރުގެ މައްޗަށް އަރައިގަނެ، ބާރުތައް ޖަހައިގަނެގެން ހިންގާ ވެރިކަމެކެވެ. މިފަދަ ގޮތަކަށް މިކަން ކުރަން ހެޔޮނުވާނެއެވެ. އެހެންވީމާ ކޮމަންވެލްތު ނޫނަސް ދުނިޔޭގެ ޑިމޮކްރަސީއަށް މަސައްކަތްކުރާ އެއްވެސް ޖަމާއަތަކުން ރާއްޖޭގައި މިހާރު ހިންގާ ވެރިކަން ހިންގަމުންދާ އުސޫލުތަކެއް ބަލައެއް ނުގަންނާނެއެވެ. އިންކްއަރީ ކަމިޝަންގެ ސައްހަކަމާއި މެދު ސުވާލު އުފެދެނީ އެހެންވެއެވެ." އިންކުއަރީ ކޮމިޝަން އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ކޮމަންވެލްތުން ގޮވާލި ގޮވާލުމުގެ މާނައަކީ ނެޝަނަލް ރިކޮންސިލިއޭޝަން ކޮމިޝަނަކާ ދިމާލަށް މިސްރާބުޖެހުން ކަމުގައި ވެދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެފަދަ ކޮމިޝަނެއްގައި ކޮމަންވެލްތާއި އދ އާއި އައިޕީޔޫ އާއި ސާކް ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ މަންދޫބުން ވެސް ހިމަނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައުދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން، އެއްބައިވަންތަކަމުގެ ސަރުކާރަކީ ވެރިކަންކުރާ ބާރުން ގާނޫނުތައް ލަނބާލުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށެވެ. އެއީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ގާނޫނު ހަދާ މަޖުލީހުގެ އަޣުލަބިއްޔަތު އޮންނާނެތީ ކަމަށް ސައުދު ވިދާޅުވި އެވެ. އެހެންވުމާއެކު އިންތިހާބު އަވަސްކުރުމުގެ ބަދަލުގައި ލަސްކުރުމުގެ ގާބިލުކަންވެސް އެއްބައިވަންތަކަމުގެ ސަރުކާރަކަށް ލިބިގެންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ މާޗް މަހު ސައުދު ޕީޕީއެމް އިން ވަކިވަޑައިގެންނެވީ، މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ކާށިދޫ ކޮނޑިއަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ވަހީދު )ލޯޔަރު ވައްޑެ( އަށް އެ ޕާޓީގެ ލީޑަޝިޕުން ތާއިދުނުކޮށް، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރަށް ތާއިދުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ