އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބާރު “ރައީސް”އަށް އޮވެމެ, ޔަހޫދީ ގާތިލުންނަށް ރާއްޖޭގެ ބޯޑަރުތައް ތަންމިނަށް ހުޅުވާފަ ބޭއްވުމަކީ މުއިއްޒު ދީނަށާއި ގައުމަށް ވާ ބޮޑު ޚިޔާނާތެއް! ދިވެހި ރައްޔިތުން މާފެއް ނުކުރާނެ!

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އެދި ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ ކައިރިއަށް އާންމުން ފުރަތަމަ އެއްވީ މިދިޔަ ނޮވެމްބަރު 15، ގަ އެވެ. އެއީ މީގެ 5 މަހެއްހާ ދުވަސްކުރިއެވެ.
ސިލްސިލާ އަޑުއުފުލުންތަކަށްފަހު ޕްރެޝަރު ބޮޑުވެ މަޖިލީހަށް ބިލުތަކާއި ގަރާރުތައް ހުށަހެޅި އެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ނޮވެމްބަރު 16، ގައި ރައީސަށް ސިޓީއެއް ވެސް ވަނީ ފޮނުވާފަ އެވެ.
އެއާއެކު އޭރު ރައީސް އޮފީހުގެ ޕްރެސްތަކަށް އަރުއްވަމުން ގެންދެވި ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ، ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މަސައްކަތްތައް ކަމާބޭހޭ އިދާރާތަކުން ކުރަމުންދާ ކަމުގައެވެ.
އެހެންނަމަވެސް މިހާތަނަށްވެސް އިޒްރޭލު ރައްޔިތުން ރާއްޖެއައުން މި ސަރުކާރުން މަނާކޮށްފައެއް ނުވެއެވެ.
އިޒްރޭލު ޕާސްޕޯޓު މުއިއްޒުއަށް މަނާކުރެވޭނެ!
ރާއްޖެއަށް މީހުން އެތެރެވުމާ ގުޅޭ މައި ގާނޫނު ކަމުގައިވާ އިމިގްރޭޝަން ގާނޫނުގެ ދަށުން، ރާއްޖެއަށް މީހުން އެތެރެވާއިރު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ މައިގަނޑު ދެ ގަވާއިދެއް އޮވެ އެވެ. އެއީ ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދާއި ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދެވެ.
މި ދެ ގަވާއިދަކީ ވެސް ދިވެހި ރައްޔިތުންނާއި ބިދޭސީން ރާއްޖެ އައުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ދެ ގަވާއިދެވެ. ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް މީހުން ގިންތިކުރާނެ ގޮތް ވެސް މި ދެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު ގެ ފަސް ވަނަ މާއްދާގެ އ. އަދި ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދުގެ ތިންވަނަ މާއްދާގެ އ. ގައި ބަޔާންކޮށްފައިވަނީ އެއް ވާހަކަ އެކެވެ.
އެއީ “ދިވެހި ސަރުކާރުން އެ ގައުމެއްގެ މީހަކު ރާއްޖެ އެތެރެވުން މަނާކުރެވިފައިވާ ގައުމެއްގެ މީހަކު ނުވަތަ ބަޔަކު ކަމުގައިވުން” މިފަދައިންނެވެ.
އެ ގަވާއިދުގައި، ސަރުކާރުން ވަކި ގައުމެއްގެ މީހުން ރާއްޖެ އެތެރެވުން މަނާކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން ސަރުކާރުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން، ސިޓީއަކުން ނުވަތަ އިއުލާނަކުން ވެސް އެކަން ކުރެވިދާނެ ކަމަށް ގާނޫނީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ގާނޫނީ ތަޖުރިބާކާރުން ވިދާޅުވެފައިވަނީ މި ގަވާއިދުގެ ދަށުން އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގެންވާ ވާއިރު, އަމުދުން އެކަމަށް ބޭނުންވާ ގާނޫނީ ބާރު، މަޖިލީހުގެ ލަފައިންވެސް ރައީސަށް ވަކީން ޚާއްސަކޮށް ލިބިދީފައިވާ ކަމުގައެވެ.
މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލުމަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ