ޕާކިސްތާނުގައި އަންނަ މަހުގެ 11ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިޚާބުގައި ވާދަކުރެއްވުމަށް ޤައުމަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފު ހައްޔަރުކުރުމުގެ އަމުރު ޕާކިސްތާނުގެ ކޯޓަކުން ނެރެފި އެވެ.
ޕާކިސްތާނުގެ ވެރިކަން ކުރާ އިސްލާމް އާބާދުގެ ހައި ކޯޓުން މިއަމުރު ނެރެފައިވަނީ، މުޝައްރަފުގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާއި ގުޅިގެން އެ މައްސަލަތައް ބެލުމުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ ފަނޑިޔާރުންތަކެއް ވެރިކަމުގެ ދުވަސްވަރު ޤާނޫނާއި ޚިލާފަށް ވަކިކުރި މައްސަލައިގައިކަމަށް ޚަބަރު ލިބެ އެވެ.
މުޝައްރަފު ހައްޔަރުކުރުމުގެ އަމުރު ހައި ކޯޓުން މިއަދު ނެރެފައިވާއިރު، އޭނާ ހޯދާފައިވާ ކަފާލާތުގެ ހިމާޔަތް ވެސް ކޯޓުން ވަނީ ބާތިލްކޮށްފައިކަމަށް މުޝައްރަފުގެ އޯލް ޕާކިސްތާން މުސްލިމް ލީގުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އަމްޖަދު ވިދާޅުވި އެވެ.
" އިސްލާމް އާބާދުގެ ހައި ކޯޓުން މުޝައްރަފު ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ، އޭނާއަށް ލިބިފައިވާ ކަފާލާތުގެ ހިމާޔަތް ކެންސަލް ކުރުމަށް ފަހުގައި. ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ، ވެރިކަމުގެ ދުވަސްވަރު ގިނަ އަދަދެއްގެ ފަނޑިޔާރުންތަކެއް ޤާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ،" އަމްޖަދު ވިދާޅުވި އެވެ.
ހައި ކޯޓުގެ އަމުރު ތަންފީޒު ކޮށް މުޝައްރަފު ހައްޔަރުކުރުމަށް ފުލުހުން އަދި އެއްވެސް ހަރަކާތެއް ހިންގަމުން ނުދާއިރު، މުޝައްރަފު ކޯޓުން ވަޑައިގެންފައިވަނީ އޭނާގެ އަމިއްލަ ހަށިފާރަވެރިންނާއި އެކުގަ އެވެ.
ކޯޓު އަމުރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފުލުހުން އިސް އޮފިޝަލެއްކަމަށްވާ އަލީ އަސްގަރު ވިދާޅުވީ، ކޯޓު ބޭރުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި ނަމަވެސް މުޝައްރަފުގެ ހަށިފާރަވެރިންގެ ސަބަބުން އޭނާ ހައްޔަރުކުރެވިފައި ނުވާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ކޯޓުގެ ހުކުމަށް ފަހު ހަށިފާރަވެރިންނާއި އެކު އޭނާ ވަރަށް އަވަހަށް ކޯޓު ހިމެނޭ ސަރަހައްދުން ގޮސްފައިވާކަމަށެވެ.
މުޝައްރަފު ހައްޔަރުކުރުމަށް އިސްލާމް އާބާދުގެ ހައި ކޯޓުން ނެރުނު އަމުރާއި މެދު އަޅާނެ އިތުރު ފިޔަވަޅަކާއި މެދު ޤާނޫނީ ޓީމުން މިހާރު މަޝްވަރާކުރަމުންދާކަމަށް މުޝައްރަފުގެ ތަރުޖަމާނު ވިދާޅުވި އެވެ.
ކަފާލާތުގެ ދަށުން ލިބިފައިވާ ހިމާޔަތުގެ ބޭނުންކުރައްވައިގެން އިންތިޚާބުގެ ކެމްޕޭން ފުޅާކުރައްވާފައިވާ މުޝައްރަފަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، މުޝައްރަފު ވިދާޅުވީ، އޭނާ ކުރައްވާފައިވާ ކޮންމެ ކުރައްވާފައިވަނީ ޤައުމާއި ރައްޔިތުންގެ ހަމަޖެހުމާއި ސަލާމަތަށްޓަކައިކަމަށެވެ.
މުޝައްރަފު ހައްޔަރުކުރުމަށް ޕާކިސްތާނުގެ ހައި ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ