ޕާޓީގެ އެއްވެސް އިންތިޚާބެއްގައި އެއްވެސް ކޮޅަކަށް ނުޖެހޭނަން: މައުމޫން

އިންތިގާލީ ރައީސްގެ މަގާމުގައި ހުންނެވުމުން ޕާޓީގެ އެއްވެސް އިންތިޚާބެއްގައި އެއްވެސް ކޮޅަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕިޕީއެމްގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް މައުމޫން މިއަދު ދެއްވި މެންދުރުގެ ފަރިއްކޮޅު ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މިހާރު ވެސް މި އިންތިޚާބުގައި ވެސް އެމަނިކުފާނު އެއްވެސް ކޮޅަކަށް ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނު ހުންނަވާނީ އެގޮތުގައި ކަމަށެވެ.
ރާނބާ ރެސްޓޯރެންޓްގައި ހުންނަވައިގެން ރައީސް މައުމޫން މިއަދު ވިދާޅުވީ ޕީޕީއެމްގެ ގައުމީ ޖަލްސާއަކީ ކުރިޔަށް އޮތް ތަނުގައި އެޕާޓީ ބައްޓަން ވެގެންދާނެ ގޮތް ނިންމާނެ ޖަލްސާ ކަމަށާއި، ޕީޕީއެމްގެ އިންތިޚާބުތަކުގެ ސަބަބުން ޕާޓީގެ ބަދަހި ސަފުތައް ރޫޅިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް އިންތިޚާބެއްގައި ވާދަކުރާ ހުރިހާ އެންމެންނަށް ކާމިޔާބު ނުލިބޭނެ ކަމަށާއި، އިންތިޚާބަށްފަހު ވެސް ޕީޕީއެމްއަކީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭނެ ކަމަށެވެ.
"އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ޕާޓީ ތެރޭގައި މަސްލަހަތު ގެއްލޭނެ އެއްވެސް ކަމަކަށް ފުރުސަތު ދީގެންނުވާނެ،" މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ފަށާފައިވާ ކެމްޕޭން ކުރުމުގައި ވެސް މަސްލަހަތު ނުގެއްލޭ ގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
ޕީޕީއެމްގެ އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް މައުމޫން ދެއްވި ފަރިއްކޮޅުގެ ހުރިހާ ކެންޑިޑޭޓުން ބައިވެރިއެއް ނުވެ އެވެ. މިފަރިއްކޮޅުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ފަރާތްތަކަކީ "ޔަގީން ޓީމް" ގެ މެންބަރުންނެވެ. "ޓީމް އުމަރު" އަށް ނިސްބަތްވާ އިސް ކެންޑިޑޭޓުން މި ފަރިއްކޮޅުގައި ބައިވެރިއެއް ނުވެއެވެ. އަދި އުމަރު ނަސީރު ވެސް މިފަރިއްކޮޅުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
މާލޭ ސިޓީ ކައުންސިލް އުވާލަން ހުށަހަޅާފައިވާ މައްސަލައިގައި ކައުންސިލު އުވާލަން ކޯޓަށް ހުށަހެޅުމުގެ ކުރިން ކަޑަތުކުރަން ޖެހޭ މަރުހަލާތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީއީއޯ ޑރ. އަހުމަދު ޝުކުރީ ވިދާޅުވީ، ކައުންސިލަކުން ޤާނޫނާއި ޚިލާފުވެގެން އެ އޮތޯރިޓީއަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެ ކައުންސިލާއި މެދު ފިޔަވަޅެއް އެޅުމުގެ ކުރިން ތިން މަރުހަލާއެއް ކަޑަތުކުރަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ޤާނޫނާއި ޚިލާފުވެގެން ފުރަތަމަ ހުށަހެޅުމުން ފިޔަވަޅު އަޅާނެ މަރުހަލާތަކެއް ކަނޑައަޅާފައިވާކަމަށާއި، މައްސަލައެއް ހުށަހެޅުމާއި އެކު އެންމެ ފުރަތަމަ އެ މައްސަލައެއް ދާނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެކަމަކާ ގުޅޭ ޑިޕާޓްމަންޓަކަށް ކަމަށެވެ.
"އޭގެ ފަހުން އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު ނޫނީ އެފަދަ މައްސަލައެއް އޮތޯރިޓީގެ ބޯޑު ޖަލްސާއަށް އެޖެންޑާ ނުކުރާނެ،" އޭނާ ވިދާޅުވީ އެވެ. "ކަނޑައެޅިފައިވާ މިންތަކާއި އުސޫލުތަކާއި ޚިލާފަށް އެއްވެސް މައްސަލައެއް ބޯޑު ބައްދަލުވުމަށް އެޖެންޑާއެއް ނުކުރާނެ،"
މާލޭ ސިޓީ ކައުންސިލު އުވާލަން ސަރުކާރުން އެލްޖީއޭއަށް ހުށަހެޅި މައްސަލަ އަދިވެސް ވަކި ގޮތަކަށް ނިމިފައި ނުވާއިރު، އެންމެ ފަހުން ބޭއްވި އެ އޮތޯރިޓީގެ ބައްދަލުވުމުގައި ވަކި ކައުންސިލެއްގެ މައްސަލަ އެޖެންޑާކޮށްފައި ނުވާނެކަމަށް ވެސް އެލްޖީއޭގެ ނާއިބު ރައީސް ސުޖާއު ހުސެއިން ވިދާޅުވި އެވެ. ސުޖާއު ވަނީ، ކުރިއަށް އޮތް އެލްޖީއޭގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އެޖެންޑާކުރާނެތޯ ކުރެވުނު ސުވާލަށް ސީދާ ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލުތަކުން ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިއިރު، މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ވެސް ފުރިހަމަ ކުރުން ލާޒިމްކޮށްފައިވާ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައި ނުވާކަމަށް އެލްޖީއޭއިން އާއްމުކޮށްފައިވާ މާލޭ ސިޓީ ކައުންސިލުގެ މޮނިޓަރިން ރިޕޯޓުގައި ބުނެފައިވެ އެވެ.
އެލްޖީއޭއިން މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ލާޒިމްކޮށްފައިވާ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދެވިފައި ނުވާކަން ހާމަވާފަދަ ރިޕޯޓެއް ނެރެފައިވަނީ، މާލޭ ސިޓީ ކައުންސިލު އުވާލުމުގެ މައްސަލަ ސަރުކާރުން އެލްޖީއޭއަށް ހުށަހެޅިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ