ފުލުހުންގެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ބުނެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް

ޝަރުއީ ދާއިރާ "މިނިވަންކުރުމަށް" ގޮވާލައި ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓު ދޮށުގައި ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުންގެ ޒިންމާ ފުރިހަމަ އަށް އަދާކޮށްފައިނުވާ ކަމަށް ބުނެ ޕީޕީއެމުން އެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ. ޕީޕީއެމްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ވަގުތީ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ސްޕްރީމް ކޯޓު ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ އިރު، އެތަނަށް އެއްވެ އެމްޑީޕީން ހިންގި "ޣައިރު ގާނޫނީ އަމަލުތައް" ފުލުހުން ހުއްޓުވާފައި ނުވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓު ދޮށުގައި ބޭނުން އިރަކު ތިބުމަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ކައިރީގައި ހަމަނުޖެހުން ހިންގައި ގެދޮރަށް ގެއްލުން ދީފައިވާ އިރު ވެސް ފުލުހުންގެ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ރައީސަށް ހިމާޔަތްދޭން ޖެހޭނެ ކަމަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ އިރު އެންދެރިމާގޭ ކައިރީގައި ހިންގި ހަމަނުޖެހުން ވެސް ފުލުހުން ހުއްޓުވާފައި ނުވާ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މީގެ އިތުރަށް އެ މުޒާހަރާއާ ގުޅިގެން [ރައީސް މައުމޫންގެ ދަރިކަލުން] ޣައްސާން މައުމޫނާ ދެކޮޅަށް ފުރައްސާރަކުރުމަށް ހިންގާ ކަންތައް ވެސް ވާނީ ހުށަހަޅާފައި. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުޒާހަރާ އާ ގުޅިގެން އިސްކޮށް ހަރަކާތްތެރިވި ފުލުހުން ޕްރޮމޯޝަން ދީފައިވޭ. އެހެންވީމަ އެ ހުރިހާ ކަމެއް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގައި އަޅުގަނޑުމެން ވާނީ ދަންނަވާފައި،" މަހްލޫފް ވިދާޅުވި އެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާ ދެކޮޅަށް ސަރުކާރުން ހިންގާ އަމަލުތަކުގެ ސަބަބުން ޑިމޮކްރަސީ އަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް އެ ޕާޓީން ނުދޭނެ އެވެ. އެގޮތުން ޝަރުއީ ދާއިރާ އަށް ހަމަލަދީ، ފަނޑިޔާރުންގެ މަސައްކަތަށް ކޮންމެ ޕާޓީއަކުން ހުރަސްއެޅި ނަމަވެސް އެކަންތައް އިންސާފުވެރިކަމާ އެކު ބަލައި ފިޔަވަޅު އަޅައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޕީޕީއެމުން ގޮވާލި އެވެ. ޕީޕީއެމުން ބުނީ ޝަރުއީ ދާއިރާ އަށް ފުނޑުފުނޑުކޮށްލުމަށް މަސައްކަތް ކުރައްވަނީ ރައީސް މުހައްމަދު ނަޝީދަށް ވެސް އެނގިވަޑައިގެން ކަމަށާއި އެމަނިކުފާނަށް އެކަމުގެ "ހިތި ބޭސް ބޯންދޭނަން" ކަމަށެވެ. އެ ޕާޓީން ބުނިގޮތުގައި އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް ނިންމާނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕާއި ކައުންސިލް ބައްދަލުވުމުގަ އެވެ. އެންދެރިމާގެ ކައިރީގައި އެމްޑީޕީން ހިންގި ހަމަނުޖެހުމުގެ ތެރޭގައި އެ ގެއަށް އެއްޗެހި އުކުމުގެ ސަބަބުން ގޭގެ ބައެއް ދޮރުތަކުގެ ބިއްލޫރިތައް ތެޅިފައިވެ އެވެ. އަދި މުޒާހަރާގައި ހުރި ކުއްޖެއްގެ ބޯމައްޗަށް އެއްޗެއް ވެއްޓި ހާލު ސީރިއަސްވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ