މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާ އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިތާ މަހެއް ފަހުން މާދަމާ ޝަރީއަތް ފަށަނީ

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމާ ބެހޭ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުން ހާޒިރުކުރުމަށް އަންގަވާފައި ވާތީ، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އުވާލުމަށް ދައުލަތުގެ ސުޕްރީމް ކޯޓަށް ހުށަހެޅިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހު މާދަމާ ޝަރީއަތް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.ބަނޑާރަ ނައިބުގެ ފަރާތުން މި މައްސަލަ ސުޕްރީ ކޯޓަށް ހުށަހަޅުއްވާފައި ވަނީ އޯގަސްޓް23، 2010ގަ އެވެ. މާދަމާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ތަވާލު ކުރެއްވެވީ މައްސަލަ ހުށަހެޅިފަހުން އެއް މަހާއި ތިން ހަފުތާ ފަހުންނެވެ.މި މައްސަލައިގެ އަޑު އެހުން މިހާތަނަށް ބާއްވާފައި ނުވަނީސް އެ މައްސަލަ ކޯޓުގައި އޮއްވާ ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަޔާންކުރާ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓުގައި އެދުނީ މިދިޔަ އާދީއްތަ ދުވަހު އެވެ. ހަމަ އެ މައްސަލަ އެ ގޮތަށް އޮއްވައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލަ އަށް އެއްވެސް އަސަރެއް ކުރާނެ ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރު ނެރުއްވެވީ އިއްޔެ އެވެ.މާދަމާ 10:30 އަށް ތާވަލުކޮށްފައިވާ މައްސަލައަކީ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުން އަމަލުކުރުމަށް ހަމަޖެހިފައި އޮންނަ އިޖުރާތުގައި ހުރި ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހިގެން، ގާނޫނީ ގޮތުން ކުރިމަތިވާ ބައެއް މައްސަލަތައް ބަލައިދިނުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.އެ ދައުވާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ (ވ) ގައި, ގާނޫނު އަސާސީގެ 131 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން އެހެނިހެން ކަންތައްތަކެއް ހިމަނާފައި އޮތުމަކީ ގާނޫނު އަސާސީގެ30  ވަނަ މާއްދާގެ ބާރު ކެނޑޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމަނާފައިވާ ކަންކަން ކަމަށާއި އެހެންކަމުން އެމާއްދާގައި ހިމަނާފައިވާ ބައެއް ކަންތައްތަކަކީ ގާނޫނު އަސާސީ އާ ހިލާފަށް ހިމަނާފައިވާ ބައިތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ