ރައީސް މައުމޫނު ދައްކަވައިދެއްވީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް: އަދީބު

ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނު ދިއްގަރު ދާއިރާގެ ބައިއިލެކްޝަންގައި ވާދަ ކުރެއްވުމަށް ޕްރައިމަރީއެއްގައި ވާދަ ކުރައްވައިގެން ޓިކެޓް ހޯއްދެވިކަމީ މައުމޫނު ދައްކަވައި ދެއްވި ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ. ފާރިސްއާ ޕީޕީއެމްގެ ޓިކެޓް ހަވާލުކުރެއްވުމަށް ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ އެއީ ރާއްޖޭގެ އެހެން ލީޑަރަކަށް ދެއްކެވިފައިނުވާ ވަރުގެ ނަމޫނާއެއް ކަމަށެވެ. "... ރައީސް މައުމޫނުގެ އެހާބޮޑު ސަޕޯޓެއް އޮތް އިރުގައި ވެސް ރައީސް މައުމޫނު އެދެއްކެވި ޑިމޮކްރެޓިކް ނަމޫނާއަކީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ އެހެން ޑިމޮކްރެޓިކް އެއްވެސް ލީޑަރަކަށް ދެއްކޭނެ ނަމޫނާއެއްނޫން. އަދި އެހެން ޕާޓީތަކުން ފެންނަ ނަމޫނާއެއް ވެސް ނޫން،" އަދީބު ވިދާޅުވި އެވެ. އަދީބު އަދި ވިދާޅުވީ ފާރިސް ހޮވުމަށް މުޅި ޕީޕީއެމް އެކުގައި މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަން މިއަދު ފެނުނު މަންޒަރު ޔަގީން ކުރެއްވޭ ކަމަށެވެ. ފާރިސްއަކީ ރާއްޖޭގައި މަދުން ނޫނީ ނުފެންނަ ފަދަ އިލްމީ ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ، ނިހާން ވާހަކަފުޅު ދެއްކެވުމުން އެކަމާ މެދު ފާރިސް ވިދާޅުވީ އެއީ އޭނާއާ އެކަށީގެން ނުވާ ވާހަކަފުޅެއް ކަމަށެވެ. "... ދެންމެ އަޅުގަނޑާ އެކަށީގެންނުވާ އިބާރާތްތަކެއް ޕީޖީ ލީޑަރު ބޭނުން ކުރައްވައިފި، އެހެން ނަމަވެސް އަޅުގަނޑުމެން މިޕާޓީގެ ހުރިހާ އިސްބޭފުޅުންނާއި އަޅުގަނޑުމެންގެ ޕީޖީގްރޫޕްގެ މެމްބަރުންނާ މިހުރިހާ ބޭބޭފުޅުން މިހާ ވަރުގަދައަށް މަސައްކަތް ކޮށްދެއްވަން ތައްޔާރަށް ތިއްބެވިކަމީ އަޅުގަނޑުމެންނަށް ވަރަށް ހެޔޮފާލެއް،" ފާރިސް ވިދާޅުވި އެވެ. ޕީޕީއެމްގެ ޓިކެޓް ފާރިސްއާ ރަސްމީކޮށް ހަވާލުކުރުމުން ބައިއިލެކްޝަންގައި ވާދަކުރެއްވުމަށް ފާރިސް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ