ކުޑަރިކިލު ރައްޔިތުން ނުކުމެ ގޮނޑުދޮށުގައި 150 ބަސްތާ ޖަހައިފި

ބ. ކުޑަރިކިލު އިރު އުތުރު ފަރާތު ގޮނޑުދޮށް އާދަޔާ ހިލާފަށް ގިރަމުންދާތީ، މައްސަލައަށް ވަގުތީ ހައްލެއް ހޯދަން ރަށު ކައުންސިލާއި ރައްޔިތުން ނުކުމެ ގިރަމުންދާ ދިމާލުގައި 150 ވެލި ބަސްތާ ޖަހައިފިއެވެ. ކުޑަރިކިލު ކައުންސިލުގެ ރައީސް އަބްދުލްހައްނާނު އައްބާސް "ސަން" އަށް ވިދާޅުވީ ރަށް ހިމާޔަތް ކުރުމަށް މިއަދު ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ރަށުގެ ދެ ޖިންސުގެ 80 އެއްހާ ރައްޔިތުން ބައިވެރިވި ކަމަށެވެ. ގިރަމުން ދަނީ އެ ރަށުގެ އިރު އުތުރު ފަރާތު ގޮނޑުދޮށެވެ. އެ ސަރަހައްދުން ރަށު ތެރެއަށް 50ހަކަށް ފޫޓު ގިރާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު އިރު އޮއްސުމާ ހަމައަށް 150 ބަސްތާ ވެލި އަދި 15 ޖަމްބޯ ބޭގް އެ ސަރަހައްދުގައި ވަނީ ޖަހައިފައެވެ. އަބްދުލްހައްނާނު ވިދާޅުވީ މާދަމާ ވެސް އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، މިހާރު ފޯ ސީޒަންސް ލަނޑާ ގިރާވަރު ރިސޯޓުން ވެސް އެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ރިސޯޓުން 100 ގޯންޏާއި ހަ ޖަމްބޯ ބޭގު ފޯރުކޮށްދީފައިވާ ކަމަށާއި، މާދަމާ އެ ތަކެތި ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާދަމާ ބަސްތާ ޖަހާނީ އެރަށު ގޮނޑުދޮށުގައި ހުރި 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ދެ ގަސް ހުރި ސަރަހައްދުގައި ކަމަށެވެ. އެ ގަސްތަކުގެ މޫތަކުގެ ދެބައިކުޅަ އެއްބައި މިހާރު ހާމައަށް ހުރި އިރު، ނަރުދަމާ ނިޒާމުގެ ހޮޅިތަކާއި ސެޕްޓިކް ޓޭންކާ ހިސާބަށް މިހާރު ގިރާލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަބްދުލްހައްނާނު ވިދާޅުވީ މަސައްކަތުގައި ވެލި ނަގަމުން އަންނަނީ ކުރިން އެއްކޮށްފައި ހުރި ވެލި ފުންޏަކުން ކަމަށާއި، ވެލި ބަސްތާތައް ރަށުގެ އެއް ފަރާތުން އަނެއް ފަރާތަށް ގެންގޮސް މަސައްކަތް ކުރުމުގައި އުނދަގޫތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. ކުޑަރިކިލު ގިރަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އަބްދުލްހައްނާނު ވިދާޅުވި އެވެ. އެކަމަކު، މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް ބަހެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު އިންނާނެ ފޮޓޯ ފައިލަކާ އެކު މިނިސްޓްރީއަށް ދަންނަވާފައި. ސީދާ މިނިސްޓަރަށްވެސް އަޅުގަނޑު ހުންނާނެ ފޮޓޯއާ އެއްކޮށް މެސެޖުކޮށްފައި،" އަބްދުލްހައްނާނު ވިދާޅުވި އެވެ. މިފަހުން ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށް އާދަޔާ ހިލާފަށް ވަނީ ގިރައިފަ އެވެ. ރާއްޖޭގެ ރަށްތަކަކީ ގުދުރަތީ ގޮތުން ގިރައި ވޮޑޭ ރަށްތަކެކެވެ. އެކަމަކު، މިހާރު ބައެއް ރަށްތައް ގިރަމުން ދަނީ އާދައާ ހިލާފަށެވެ. އެގޮތުން ބ. އަތޮޅުގެ ދަރަވަންދޫ އާއި، ކެންދޫ އަދި ރ. އަތޮޅު ފައިނު މި ފަހުން ވަނީ އާދައާ ހިލާފަށް ގިރައިފަ އެވެ. މިއީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ