މެމްބަރު ހުސައިން ވަހީދުގެ ދަރިފުޅު އައިސީޔޫ އިން ނެރެފި

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނަށާއި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭރު ހާލު ސީރިއަސްވި އެ ތުއްތު ކުއްޖާ މިހާރު އައިސީޔޫ އިން ނެރެފައިވާ ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ އިން ބުނެފި އެވެ.
އޭޑީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ތުއްތު ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނާތީ މިހާރު އައިސީޔޫ އިން ނެރެފައިވާ އިރު އެ ކުއްޖާގެ މަންމަގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތުއްތު ކުއްޖާގެ ކަރުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި މެމްބަރު ހުސެއިންގެ އަންހެނުންގެ ބޮލަށާއި އަތަށާއި ކަރަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ފުރާނަ އަށް ނުރައްކާ ނޫން ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އެ ހަމަލާދީފައި ރޭ އިރާކޮޅު އެ ދެމައިން ދިރިއުޅޭ ހ. އަޒުމްގޭގެ ހަ ވަނަ ފަންގިފިލާގައި ހުއްޓަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ އެ ހާދިސާއަކީ "އާއިލީ ކަންތައްތަކަކާ ގުޅިގެން ހިނގައި ދިޔަ" ކަމެއް ކަމަށާއި އެކަމާ ގުޅިގެން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުސައިން ވަހީދުގެ އަންހެނުންގެ އެއްބަނޑު ބޭބެ އެކެވެ. އަދި އެ ދެމައިންނަށް ވަޅިން ހަމަލާދީފައި ވަނީ ވެސް އޭނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ