ބިރު ފޮހެލައި ހިތްވަރާ އެކު މަސައްކަތްކޮށްފިއްޔާ ކާމިޔާބު ލިބޭނެ: މައުމޫން

ދިވެހި ރައްޔިތުން އެއްވެސް އިންސާނަކަށް ބިރުވެތިވެގެން ނުވާނެ ކަމަށާއި ބިރު ފޮހެލައި ހިތްވަރާ އެކު ހުރިހާ އެންމެން ނުކުމެ މަސައްކަތްކޮށްފި ނަމަ މިމަހު 28ގައި އޮންނަ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކުރެވޭނެ ކަމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރަށް ފަހު ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް "ނޫނެކޭ" މިނަމުގައި އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމަށް ތާއީދު ކުރާ ބައެއް ފަރާތްތަކަށް ބައެއް ރަށްރަށުގައި ބިރުދައްކާ މަރުގެ އިންޒާރުތައް ދެމުން ގެންދާ ކަމުގެ ޝަކުވާތައް ލިބިވަޑައިގެންނަވަމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް ދިވެހި ރައްޔިތަކު އެއްވެސް އިންސާނެއް ދެކެ ބިރު ގަނެގެން ނުވާނެ ކަމަށާއި ބިރުން ތިބެގެން އެއްވެސް ކަމެއް ހާސިލު ނުވާނެ ކަމަށެވެ.
"ގައުމީ ކަންކަމުގައި ދީނީ ކަންކަމުގައި އަޅުގަނޑުމެންގެ ވާޖުބު އަދާކުރާ އިރު އަޅުގަނޑުމެން ބިރުގަނެގެން ނުވާނެ. ބިރުވެތިވާންވީ ހަމައެކަނި މާތްﷲ ސުބުހާނަހޫ ވަތައާލާއަށް. އެހެން އެއްވެސް ފަރާތަކަށް އެއްވެސް އިންސާނަކަށް އެއްވެސް މީހަކު ބިރުވެތިވެގެންނުވާނެ. ދިވެހި ހުރިހާ ރައްޔިތުން ވެސް އެބަޔަކު ތިބި ގޮތެއް (ތާއީދު އޮތް ފަރާތެއް) ހާމަކުރަމުން ގެންދަވާ. ސާބިތު ކަމާ އެކު ކުރިއަށް ވަޑައިގެންނަވާ. އެއްވެސް ބަޔަކަށް ތިޔަބޭފުޅުންނަކަށް ގެއްލުމެއް ނުދެވޭނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމުން މިހާރު ކުރަމުން މިގެންދާ މަސައްކަތަކީ ހަމައެކަނި ޕީޕީއެމާއި އެމްޑީއޭއާ ގުޅިގެން ހަދާފައިވާ ކޯލިޝަންގެ ހައްގުގައި ކުރަމުން ގެންދާ މަސައްކަތެއް ނޫން ކަމަށާއި އެމަސައްކަތްތަކީ މުޅި ގައުމުގެ ހައްގުގައި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަމުން ގެންދާ ކަމެއް ކަމަށެވެ. އަދި ގައުމީ ކަމެއްގެ ގޮތުގައި އެ ޕާޓީން ކުރަމުން ގެންދާ އިންތިހާބުގެ މަސައްކަތަށް "އާއެކޭ" ބުނުމަށާއި ޕީޕީއެމްގެ އިދިކޮޅު ފަރާތް ކަމުގައިވާ (އެމްޑީޕީ) އަށް ނޫނެކޭ ބުނުމަށް ވެސް މައުމޫން އެދިވަޑައިގެންނެވި އެވެ.
ޕީޕީއެމުން ކުރަމުން ގެންދާ މަސައްކަތަކީ ހައްގާއި ބާތިލާ ދެމެދުގެ ކުރަމުން އަންނަ ހަގުރާމައެއް ކަމަށާއި ގައުމަށް ޓަކައި ދީނަށްޓަކައި ޕީޕީއެމުން ކުރަމުން ގެންދާ މަސައްކަތުގައި ހައްގަށް ނަސްރުދެއްވާ ފަދައިން މާތްﷲ ނަސްރުދެއްވާނެ ކަމަށާއި ސެޕްޓެމްބަރު 28ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަށް ނޫނެކޭ ބުނެގެން ނޫނީ ގައުމާއި ދީން ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި އެކަންތައްތައް ކާމިޔާބު ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ކެރިގެން ކުރިމަތިލުމަށް މައުމޫން ގޮވައިލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ