އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ ޑިރެކްޓަރު ޖެނެރަލަށްވުރެ މަތީ މަގާމުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުގެ ލަފާ ލިބިގެން ނޫނީ ބޭފުޅުން އައްޔަން ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމާ އެކަން ކަނޑައަޅާފައިވަނީ "ޝަރުއީ ދާއިރާގެ އެންމެ އިސް އިދާރީ މަގާމުތަކަށް މީހުން އައްޔަންކުރުމާ ބެހޭ އުސޫލު" ގައެވެ.
އެ އުސޫލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން އެފަދަ އުސޫލެއް އެކުލަވާލީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް އަދުލު އިންސާފު ލިބި ދިނުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން އަދާ ކުރަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތުތައް އަދާކުރަމުން ދަނީ އެއްވެސް ފަރާތެއްގެ ފިއްތުމެއް ނެތި މިނިވަން ކަމާއި މުސްތަގިއްލު ކަމާއެކުގައިކަން ކަށަވަރުކުރުމަށްޓަކައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އިދާރީ އޮނިގަނޑު އަލުން މުރާޖާކޮށް އިދާރީ މަސައްކަތްތައް އަލުން ހަރުދަނާ ކުރަންޖިފައިވާ ކަމަށް ފެނުމުން ކަމަށެވެ.
އެގޮތަށް އުސޫލު އެކުލަވާލީ ގާނޫނު އަސާސީ އާއި ގާނުނުތަކުގެ ބެލެނިވެރި ފަރާތުގެ ހަސިއްޔަތުން ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 144 ވަނަ މާއްދާ އާއި 156 ވަނަ މާއްދާ އިން ސުޕްރީމް ކޯޓަށް ލިބިދޭ އިހުތިޔާރާއި ބާރުތަކުގެ މައްޗަށް ރިޔާއަތްކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އެގޮތަށް ކަނޑައެޅީ ކަމުގައިވެސް އުސޫލުގައިވެ އެވެ.
އިދާރީ އެފަދަ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ވަކި ދާއިރާއަކުން އެމީހަކު ހާސިލްކޮށްފައިވާ ތައުލީމީ ފެންވަރަށާއި ތަޖުރިބާ އާއި އެމީހެއްގެ ފަރާތުން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ލިބިދާނެ ކަމަށް ފެންނަ ހިދުމަތުގެ ފެންވަރަށާއި އިސް ނެގުމާއި ލީޑަޝިޕާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ކުރިން އަދާ ކުރި ވަޒީފާތަކުގައި ނަތީޖާ ހާސިލްކޮށްފައިވާ މިންވަރާއި ދައުލަތުގެ އިދާރީ އެކިއެކި މަގާމުތަކުގައި އިހުލާސްތެރި ކަމާއި ހުނަރުވެރި ކަމާއެކު މަސައްކަތްކޮށްފައިވާ ގޮތާއި މުއްދަތަށާއި ކޮށްފައިވާ މަސައްކަތުގެ ބާވަތަށް ބަލާނެ ކަމަށްވެސް އުސޫލުގައިވެ އެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ގަބޫލު ކުރާ ޔުނިވާސިޓީއަކުން ތައުލީމް ހާސިލްކޮށް ފުރަތަމަ ޑިގްރީ ހާސިކޮށްފައިވުމާއި ސަރުކާރާ އަމިއްލަ ނުވަތަ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގެ ޖަމިއްޔާ ޖަމާއަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލްކޮށްފައިވުމާއެކު އެކަންކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދެވޭ މިންވަރަށް ވެސް ބަލަ އެވެ. އަދި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވައިދުތައް އިނގޭކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދިނުން ވެސް ހިމެނެ އެވެ.
ތަފާތު ގިންތީގެ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރުމުގެ ތަޖުރިބާ ހާސިލްކޮށްފައި ވުމާއެކު ޝަރުއީ ދާއިރާއިން ކުރިމަތިލާ މަގާމުގެ ޕްރޮފެޝަނަލް އަދި ފަންނީ މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގެ ލީޑަޝިޕް ދައުރު އަދާ ކުރެވިދާނެ ކަމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދިނުމާއި ކުރިމަތިލާ މަގާމުގެ ދާއިރާއިން ލަފާ ދިނުމުގެ ގާބިލު ކަމާއި ދިވެހި ބަހުންނާއި އަރަބި ބަހުގެ އިތުރުން އިނގިރޭސި ބަސް ފަދަ ބަހަކުން ފަރިތަކަމާއެކު މުއާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން ހިމެނެ އެވެ.
ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމުތައް ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ހަމަޖައްސަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ