3-5 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާ ހަލް ސިޓީ އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ޝެފީލްޑްއިންނެވެ. މި ގޯލް މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބިކޮށްދިނީ ހޯޒޭ ބެކްސްޓާއެވެ. ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި ހަލް ސިޓީގެ ޔަނިކް ސަގްބޯ ވަނީ ގޯލެއްޖަހާ މެޗުގެ ނަތީޖާ އެޓީމަށް އެއްވަރުކޮށްދީފައެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޝެފީލްޑްގެ ސްޓީވެން ސްކޫގަލް ވަނީ ގޯލެއްޖަހާ މި މެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ލީޑްނަގާދީފައެވެ. ހަލްސިޓީއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފްގެ ކުރީކޮޅު މެޓް ފްރަޔަޓްއެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް ހަލްސިޓީއަށް ލީޑްނަގައިދިން ގޯލް މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރ ޓޮމް ހަޑަލްސްޓަންއެވެ. ހަލްސިޓީ ހަތަރުވަނަ ގޯލް މެޗުގެ 67 ވަނަ މިނެޓްގައި ސްޓެފަން ކުއިން ކާމިޔާބުކޮށްދިންއިރު އެ ޓީމުގެ ފަހު ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޭވިޑް މޭލާއެވެ. ޝެފީލްޑްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖެމީ މާފީއެވެ.
އެފްއޭކަޕްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި ހަލްސިޓީ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ވިގެންގެ މައްޗަށް ކުރި ހޯދި އާސެނަލްއާއެވެ.
އާސެނަލް އާއި ހަލްސިޓީ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މޭ މަހުގެ 17 ވަނަ ދުވަހުގައެވެ.
ޝެފީލްޑްގެ މައްޗަށް ކުރި ހޯދާ ހަލް ސިޓީ އެފްއޭކަޕްގެ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ