ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިފައިންގެ ތެރޭ ބާއްވާ ބަޑި ޖެހުމުގެ މުބާރާތްތަކުން ވަނަތައް ހޯދާ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބަޑިޖެހުމުގެ ފުރުސަތު ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މޭޖާ އިނގިރޭސި އުމަރުމަނިކުގެ ހަނދާނީގެ ވާދައިގެ ތައްޓަށް ގިރިފުށީގައި ކޮންމެ އަހަރަކު ވެސް އެމްއެންޑީއެފުން ބާއްވާ އަމާޒަށް ބަޑި ޖެހުމުގެ މުބާރާތް ނިންމުމަށް މިއަދު ހެނދުނު ގިރިފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ތިން ކޯއެއް ވަކިން ބަޑި ޖެހުމުގެ މުބާރާތެއް ބާއްވާނެ ކަމަށާއި ތިން ކޯއެއް ވަކިން ބަޑި ޖެހުމުގެ މުބާރާތެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި މުބާރާތްތަކުން ވަނަތައް ހާސިލްކުރާ ފަރާތްތަކުގެ މެދުގައި ސިފައިންގެ ތެރޭގައި ވަކިން ބަޑި ޖެހުމުގެ މުބާރާތެއް ބޭއްވުމަށް ދަންނަވާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މި މުބާރާތްތަކުން ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން ރާއްޖެއިން ބޭރުގައި ބަޑި ޖެހުމުގެ ފުރުސަތުތައް ހޯދައިދޭނެ ކަމަށާއި ނިމިދިޔަ މުބާރާތުން އެއްވަނަ ހޯދި ފަރާތަށް ސްރީލަންކާގައި ބަޑި ޖެހުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ މާޗް 31 ވަނަ ދުވަހު ފެށި އަމާޒަށް ބަޑި ޖެހުމުގެ މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހާއްސަކޮށް މުޅި މުބާރާތުގެ އެއް ވަނަ ބަޑި ޖެހުންތެރިޔާގެ މަގާމު ހޯދި ކޯޕްރަލް ނަސްރުﷲ ސޯލިހްގެ ނަން ނާޒިމް ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ބަޑި ޖެހުމުގެ އުސޫލުތައް ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް އޮންނަ އުސޫލަށް ރާއްޖޭގައި ބަދަލުކުރެވިފައިވާތީ މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެހެންކަމުން މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސިފައިންގެ ބަޑި މުބާރާތަކީ ސިފައިންގޭގައި ބޭއްވޭ މުބާރާތްތަކުގެ ތެރެއިން އެންމެ ދުވަސްވީ މުބާރާތެވެ.
މޭޖާ އިނގިރޭސި އިބްރާހިމް މަނިކުގެ ހަނދާނުގައި މިއަހަރު ބޭއްވި ބަޑި ޖެހުމުގެ މުބާރާތުގައި 837 ސިފައިން ބައިވެރިވެފައިވާއިރު އެންމެ މޮޅު 10 ބަޑި ޖެހުންތެރިން ހޮވާފައިވެ އެވެ.
މި މުބާރާތުގެ އެހެނިހެން ވަނަތަކަށް ބަލާއިރު ގިންތި ދޭއްގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ ސްޕެޝަލް އެސިސްޓަންޓް ޔުނިޓެވެ. ގިންތި އެކެއްގެ ތިން ވަނަ ޓީމަކަށް ހޮވިފައިވަނީ މެރިން ޑިވެލޮޕްމަންޓް ޔުނިޓް ދޭކެވެ. ގިންތި އެކެއްގެ ދެވަނަ ޓީމަކަށް ސްޕެޝަލް ފޯސް ދިޔައިރު ގިންތި ދޭއްގެ ދެވަނަ ޓީމަކަށް ހޮވިފައިވަނީ އިލެކްޓްރިކަލް އެންޑް މެކޭނިކް އިންޖީނިއާސް އެވެ.
ގިންތި ދޭއްގެ އެއްވަނަ ޓީމަކީ ސްޕެޝަލް ޕްރޮޓެކްޝަން އެޖެންސީ އެވެ. ގިންތި އެކެއްގެ އެއްވަނަ ޓީމަކީ މާލެ އޭރިއާ ހުޅުލެ ޕޯސްޓެވެ.
މުޅި މުބާރާތުގެ އެއްވަނަ ނަސްރުﷲ ސޯލިހް ހޯދިއިރު ދެވަނައަށް ދިޔައީ ސާޖަންޓް މުހައްމަދު އަބްދުﷲ އެވެ. އަދި ތިން ވަނައަށް ދިޔައީ ސްޓާފް ސާޖެންޓް އަބްދުﷲ އަލީ އެވެ.
ބަޑިޖެހުމުގެ މުބާރާތްތަކުން ވަނަ ހޯދާ ފަރާތްތައް ރާއްޖެއިން ބޭރުގައި ބަޑި ޖެހުމުގެ ފުރުސަތުދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ