ގައުމީ ޓީމަކީ ޗެލެންޖް ކަޕް ކާމިޔާބުކުރެވޭނެ ފެންވަރުގެ ޓީމެއް - މައުމޫން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަކީ މިމަހު އޮންނަ އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކުރެވޭނެ ފެންވަރުގެ ޓީމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވުމަށް އެދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެރުވި ދައުވަތު ގަބޫލުފުޅުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މައުމޫންގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ މޮޅު ޓީމެއްކަން ބޭރުގެ ގައުމުތަކުން ވެސް ދަންނަ ކަމަށާއި ރާއްޖޭގެ ޓީމަށް ސަޕޯޓަރުން ހިތްވަރު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ބޭރު ގައުމުތަކުން ދަނީ ރާއްޖެ އަކީ މޮޅު ޓީމެއް ކަން ބުނަމުން، ސަޕޯޓަރުންގެ ތާއީދާއިއެކު ރާއްޖޭގެ ޓީމަށް މުބާރާތް ކާމިޔާބުކުރެވޭނެ." ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން އަންނަ އަހަރު އޮސްޓްރޭލިއާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވެވެން އޮތް ހަމައެކަނި ގޮތަކީ ޗެލެންޖް ކަޕް ކާމިޔާބުކުރުން ކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހިތްވަރުކޮށްގެން މުބާރާތް ކާމިޔާބުކުރަން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
"ކުޅިވަރުގައި އޮންނާނީ ހަމައެކަނި ދެރައެއް ނޫން، އެއީ ވަރަށް މާތް މަގްސަދެއްގައި ކުރެވޭ ކަމެއް، އަޅުގަނޑު އެދެނީ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުޅުމަށް." އެމަނިކުފާނު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެފްއޭމްއިން ވަނީ ރައީސް މައުމޫނަށް ގައުމީ ޓީމުގެ ޖާޒީއެއް ވެސް އަރުއްވާފައެވެ. އެޖާޒީގައި ޖަހާފައިވަނީ ނަންބަރު އެކެއް އަދި މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ