ހދ. ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކާ އެ އަތޮޅު ހަނިމާދޫގައި ސަރުކާރުން ހިންގަން މަސައްކަތްކުރި ހައުސިންގ މަޝްރޫއުއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުލިބޭކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރުމުގެ ފުރުޞަތުގައި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތްކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން، ވަޒީރު ވިދާޅުވީ، ހިރިމަރަދޫގެ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އަޅަން މެމްބަރާއި، ހަނިމާދޫ ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށެވެ.
ވަޒީރު ވަނީ ހިރިމަރަދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫޢާއި ހަނިމާދޫ ރައްޔިތުންނަށްގެ ހައުސިންގ މަޝްރޫޢަކީ ވަކިވަކިން ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވަފައެވެ. އެ ދެ މަޝްރޫޢު ވެސް ސަރުކާރުން ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
"ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި އެ މަސައްކަތް އަވަހަށް ފެށިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް. އެ މަސައްކަތަށް ރަށު ކައުންސިލްގެ އަދި ރަށު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ" ވަޒީރުމުއްޠަލިބް ވިދާޅުވިއެވެ.
ހދ.ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާއިރު، ހިރިމަރަދޫ ރައްޔިތުން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވޯޓުލާފައި ވަނީވެސް ހަނިމާދޫއަށެވެ. އޭގެ ފަހުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުށްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުޞަތު ހަނިމާދޫ ކައުންސިލުން ހުޅުވާލިއެވެ. ނަމަވެސް އެއީ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ނޫނެވެ.
ހިރިމަރަދޫގެ އިތުރުން ވ.ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތާ ގުޭޣޮތުން މަޖިލީހުގައި ސުވާލުކުރެއްވުމުން ޖަވާބުގައި ވަޒީރު ވިދާޅުވީ، އެ މަސައްކަތް ނުފެށި އޮތީ ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމާއި މެދު ރައްޔިތުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ، އަދި ސިޔާސަތަކީ ރަކީދޫގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން ރަކީދޫގެ ރައްޔިތުންނާއި ގޯތި ޙަވާލުކުރުމަށް ސަރވޭކުރަން ފޮނުވުމުގެ އިތުރުން، މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި މަޝްވަރާކުރުން ކުރިއަށްގެންދާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ސަރުކާރުގެ ޕޮލިސީއަކީ، ރަކީދޫ ރައްޔިތުންވެސް ބަދަލުކުރުން. ރައްޔިތުން އެއްބަސްވާނަމަ މިއަދުވެސް އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ރަކީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެހެން ރަށަކަށް ހިޖުރަކުރަން އެރަށުގެ %80 މީހުންގެ ތާޢީދު ލިބޭނަމަ، އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވާފައެވެ.
އޭރު ރަކީދޫގެ ގިނަ ރައްޔިތުން ރައީސްއަށް ހުށަހެޅުއްވީ، މާލެ ކައިރިން އަލަށް ތަރައްޤީކުރާ ރަށަކަށް ރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ކަމަށެވެ.
ރަކީދޫގައި ދިރިއުޅެނީ، 60އެއްހާ މީހުންނެވެ. އަދި ސްކޫލު އުމުރުގެ ކުދިންވެސް އެ ރަށުގައި ނެތްއިރު، އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ، އުމުރުން ދުވަސްވީ މީހުންނެވެ.
"ހިރިމަރަދޫ ރައްޔިތުންނަށް ހިންގާ ހައުސިންގ މަޝަރޫޢަށް ހަނިމާދޫ ކައުންސިލުގެ އެއްބާރުލުން ނުލިބޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ