ށ. އަތޮޅު ކައުންސިލަށް ބަޖެޓު ފައިސާ އާއި މުދާ ނުދީ ހިފެހެއްޓޭނެ އެއްވެސް އުޒުރެއް ނެތް: ކައުންސިލް ގަރާރު

ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ށ. އަތޮޅު ކައުންސިލަށް ދޭން ޖެހޭ ބަޖެޓު ފައިސާ އާއި މުދާ ނުދީ ހިފެހެއްޓޭނެ އެއްވެސް އުޒުރެއް ނެތް ކަމަށާއި ލަސްކުރުމެއް ނެތި ބަޖެޓާއި މުދާ ހަވާލު ކުރުމަށް ދައުލަތަށް ގޮވާލައި ށ. އަތޮޅު ކައުންސިލުން މިއަދު ގަރާރެއް ނެރެފި އެވެ.
ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ށ. އަތޮޅު ކައުންސިލުން ނެރެފައިވާ އެ ގަރާރުގައި ބުނެފައި ވަނީ ލާމަރުކަޒީ އިދާރާތަކަށް ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ފައިސާ ދޫކުރަންވާނެ ކަމަށް ގާނޫނު އަސާސީގެ 234 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި މުދާ މިލްކު ކުރުމަކީ ވެސް ގާނޫނު އަސާސީގެ 235 ވަނަ މާއްދާ އިން ލާމަރުކަޒީ އިދާރާތަކަށް ލިބެގެންވާ ބާރެއް ކަމަށް އެ ގަރާރުގައިވެ އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ތަންތަނާއި ތަކެއްޗާއި ފައިސާގެ ތެރެއިން އެ ކައުންސިލަށް ބަދަލުވާން ޖެހޭ ތަކެތި މިހާރު ހުންނަންވާނީ އެ ކައުންސިލަށް ބަދަލުކޮށްފައި ކަމަށެވެ.
މީގެ އިތުރުން އެ ގަރާރުގައި ބުނެފައި ވަނީ އެ ކައުންސިލުގެ އިދާރީ ބަޖެޓު ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން ކޮށްފައިވާ މުއާމަލާތްތަކަށް އެއްވެސް އަލިމަގެއް ފެނިފައިނުވާ ކަމަށެވެ. އަދި އެ ކައުންސިލަށް ލިބެން ޖެހޭނެ ކަމަށް ގާނޫނު އަސާސީ އާއި ގާނޫނުން ކަށަވަރުކޮށްފައިވާ ހައްގުތައް ކަމުގައިވާ މި އަހަރުގެ ބަޖެޓާއި އެ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުވާން ޖެހޭ މުދަލާއި ފައިސާ ލަސްކުރުމެއް ނެތި ދިނުމަށް ވެސް އެ ގަރާރުގައި ދައުލަތަށް ގޮވާލާފައިވެ އެވެ.
"ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނު ނަންބަރު 2010/7 [ލާމަރުކަޒީ ގާނޫނު] އިން މި ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވާން ޖެހޭ ތަންތަނާއި ތަކެއްޗާއި ފައިސާ ލަސްކުރުމެއްނެތި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިދިނުމަށް ކަނޑައަޅައި ދައުލަތުގެ ފަރާތުން މިކަމުގައި ޒިންމާ އުފުލަން ޖެހޭ އެންމެހާ ފަރާތްތަކަށް މި ގަރާރުން އިލްތިމާސް ކުރަމެވެ،" އެ ގަރާރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ