ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ

މި ސަރުކާރުން ތުރުކީއާއެކު އެކުލަވާލަމުންދާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން، ރާއްޖެއިން އެ ގައުމަށް އެކްސްޕޯޓް ކުރާ 214 ބާވަތަކުން ޓެރިފް ކަނޑާލުމަށް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.ތުރުކީއާއެކު ހިލޭ ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ދިވެހި ސަރުކާރުން މަސައްކަތް ފެށީ މިދިޔަ މަހު އެވެ. ޓެރިފް ކަނޑާލަން ސަރުކާރުން އެދިފައިވަނީ މި އެއްބަސްވުން އެކުލަވާލަން ދެ ގައުމުގެ އިސް އޮފިޝަލުން ބޭއްވި ދެވަނަ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.ތުރުކީއާއެކު ވިޔަފާރި އެއްބަސްވުމެއް ދިވެހި ސަރުކާރުން މިދިޔަ މަހު އެކުލަވާލައިފައިވާ، އެ ގައުމުން އަންނަނީ އަސްކަރީ ގޮތުން ވެސް ރާއްޖެއަށް އެހީތެރިވަމުންނެވެ.މިގޮތުން ތުރުކީ އިން ވަނީ ދިވެހި އަސްކަރިއްޔާގެ ވައިގެ ހިދުމަތަށް ބޮޑު އެހީއަކާއެކު ޑްރޯން ރާއްޖެ ގެނެސްދީފަ އެވެ.ތުރުކީއަކީ ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމެވެ. ދެ ގައުމުގެ ގުޅުން މިހާރު ވަރަށް ބޮޑަށް ވަނީ ބަދަހިވެފަ އެވެ.މީގެ އިތުރުން ޗައިނާއާއެކު ވެސް ރާއްޖެއިން ވަރަށް އަވަހަށް މިނިވަން ވިޔަފާރި ފަށާނެކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.ތުރުކީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ދަށުން އެންމެ ގާތް ގުޅުން ބާއްވާ އެއް ގައުމެވެ. އެގޮތުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރު ކުރެއްވީ ވެސް ތުރުކީއަށެވެ.އެ ގައުމާއެކު ބާއްވާ ގާތް ގުޅުމުގެ ދަށުން ތުރުކީގެ ކުންފުންޏަކުން ދިވެހި އަސްކަރިއްޔާއަށް މިލިޓަރީ ޑްރޯންތަކެއް ވެސް ގެނެސްފައިވާއިރު، އިންޑިއާއާ އެކު ޖެހިފައިވާ މައްސަލަތަކުގެ ތެރެއިން ތުރުކީން ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ޖެނުއަރީ މަހު ރައީސް ވިދާޅުވި އެވެ.ނަމަވެސް، ފެބްރުއަރީ މަހު އަންނާނެ ކަމަށް ބުނި ތުރުކީގެ ކާޑު ޝިޕްމަންޓު މިހާތަނަށް ރާއްޖެއަށް ފޯރާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ