އިސްރާއީލުން ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައިފި

ހުޅަނގު އައްސޭރީގައި އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިންނާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދިއަ މުޒާހަރާއެއްގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ 14 އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދު ކޮށްލައިފި އެވެ.
މިހާދިސާ ހިނގާފައި ވަނީ ހުޅަނގު އައްސޭރީގެ ރާމަﷲގެ ސިލްވާދް ކިޔާ އަވަށުގައެވެ. ޝަހީދުވެފައި ވަނީ އޮވާހް ހަމަދް ކިޔާ ކުއްޖެ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ. މިކުއްޖާ އަކީ އެމެރިކާގެ ރައްވެހިކަން ވެސް އޮންނަ ކުއްޖެކެވެ.
އެމެރިކާ އިން ވެސް ހަމްދް އަކީ އެމެރިކާގެ ރަށްވެހިކަން އޮންނަ ކުއްޖެކަން ކަށަވަރު ކޮށްދީފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޖެން ޕަސާކީ ވަނީ ބަޑި ޖެހި މައްސަލައިގެ ދެފުއްފެންނަ ތަޙްޤީޤެއް އަވަހަށް ކުރުމަށް އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
މިކަމާއި ގުޅިގެން އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާން ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ބަޑި ޖަހާފައި ނުވާނެ ކަމަށެވެ.
ނަމަވެސް އިސްރާއީލް އަސްކަރިއްޔާގެ އެހެން އޮފިޝަލަކު ވަނީ ބަޑި ޖެހި ޖެހުން ތަޙްޤީޤު ކުރާނެ ކަމަށް ބުނެފައެވެ.
އަޤްޞާ މިސްކިތުގައި ޔަހޫދީންނަށް އަޅުކަން ކުރުމުގެ ފުރުސަތު ދިނުމާއި ގުޅިގެން ދެހަފްތާ ކުރިން ފެށިގެން ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި އިސްރާއިލް ސިފައިން މިދިއަ ހަފްތާގައި ވެސް 13 އަހަރުގެ ފަލަސްތީން ކުއްޖަކު ޝަހީދު ކޮށްލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ