އަބުރުގެ ގާނޫނު ދީނީ ހަމަތަކާއި ފުށު އަރާތީ އެ ގާނޫނުގެ ދަށުން ދައުވާއެއް ނުކުރާނަން: މައުމޫން

އަބުރުގެ ގާނޫނު ދީނީ ހަމަތަކާއި ފުށު އަރާތީ އެ ގާނޫނުގެ ދަށުން ދައުވާއެއް ނުކުރާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އަބުރާބެހުމުގެ ގާނޫނު ދީނީ ހަމަތަކާއި، ގާނޫން އަސާސީއާއި ފުށު އަރާތީ، އެމަނިކުފާނުގެ އަބުރު ރައްކާތެރިކުރުމަކަށް އެ ގާނޫންގެ ދަށުން ދައުވާއެއް ނުކުރާނެކަމަށެވެ.
ރައީީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ ދައުލަތުގެ މީޑިއާއިން ރައީސް މައުމޫންގެ އަބުރަށް އަރައިގަނެ ހަބަރެއް ގެނެސްދީފައިވާތީ އެކަމާއި ގުޅިގެން އަބުުރުގެ ދައުވާ ކުރައްވާނަންތޯ ގިނަ ބަޔަކު ސުވާލް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އަބުރުގެ ގާނޫނަށް ތާޢީދުކޮށް ވާހަކަދެއްކުމަށްފަހު އަދި އަބުރުގެ ގާނޫނަށް އާންމުން ހޭލުންތެރިކުރުވުމަށް ސިލްސިލާ ޕްރަގާރްތަކެއް ފޮނުވުމަށްފަހު ދައުލަތުގެ މީޑިއާއިން ރައީސް މައުމޫންގެ އަބުރަށް ހުތުރުކަން ލިބޭގޮތަށް ހަބަރެއް ގެނެސްދިނުމުން އަބުރުގެ ގާނޫނުގެ ދަށުން ބެލޭ ފުރަތަމަ މައްސަލައަކަށް އެކަން ހެދުމަށް ގިނަ ބަޔަކު ގޮވާލާފައިވަނިކޮށެވެ.
އަބުރުގެ ބިލް ފާސްނުކުރުމަށް ރައީސް މައުމޫން މީގެ ކުރިންވެސް ވަނީ ގޮވާލާފައެވެ. އަދި އެމަނިކްފާނު ވަނީ އެ ބިލުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭކަމަށް ވިދާޅުވެ ބިލް ފާސްކުުރުމަށް ވޯޓް ނުދެއްވުމަށް ޕީޕީއެމްގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ނަމަވެސް ޕީޕީއެމްގެ ގިނަ މެންބަރުން ވޯޓް ދެއްވައިގެން އެ ބިލް ފާސްކުރުމުން ރައީސް ޔާމީން މިހާރު ވަނީ ބިލް ތަސްދީގުވެސް ކުރައްވާފައެވެ.
އަބުރުގެ ބިލް ފާސްކުރުމާއި ދެކޮޅަށް ރައީސް މައުމޫންގެ ދަރިކަނލުން ފާރިޝް މައުމޫނާއި އިތުރު ބައެއް މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ