ރިޟްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ - އުމަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައިގެ ތަހުގީގަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ވެލާނާގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ގިނަ އަދަދެއްގެ ފުލުހުން ބޭނުން ކޮށްގެން, ގިނަ އަދަދެއްގެ ވަގުތު އެމައްސަލައަށް ހޭދަވެއްޖެ ކަމަށެވެ.
ނަމަވެސް ގެއްލޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަކީ އެއްވެސް ގައުމެއްގައި ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަށް ވަރަށް ގިނަ ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރިޟްވާނު މައްސަލާގައި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގަށް، ފުރޮޅާނުލާ އެންމެ ގާކޮޅެއް ނުބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޟްވާން ގެއްލުނު މައްސަލައިގެ ތަހުގީގީ މަރުހަލާގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ސީސީޓީވީ ފުޓޭޖުތައް ބެލުމާއި ފޯން ރިކޯޑިންގްތައް އަޑުއެހުން ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ވަރަށް ގިނަ ފުޓޭޖްތަކާއި ރިކޯޑިންތައް ބަލަންވެފައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ 22000 އަށް ވުރެ ގިނަ ފޯނު ރިކޯޑިންތައް އަދި އަޑުއަހަންވެފައި އެބަހުރިކަމަށާއި 4000 ގަޑިއިރަށްވުރެ ދިގު ސީސީޓީވީ ފުޓޭޖްވެސް ބަލަން ވެފައި އެބަހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމައްސަލަ ކުރިއަށް ނުގެންދާކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށެވެ. އަދި އެގޮތަށް އެބުނާ ބުނުމަކީ ތަހުގީގީ މަރުހަލާއާއި ތަހުގީގު ކުރާ ގޮތް ރަނގަޅަށް ނޭނގި ތިބެ ބުނާ ބުނުމެއް ކަމަށް ވިދާޅުވިއެވެ. އުމަރު ވިދާޅުވީ "އަޅުގަނޑުމެން ރިޟްވާން ހޯދާނަން" ކަމަށެވެ.
ރިޟްވާން ހޯދާނެ ކަމަށް ވިދާޅުވި ނަމަވެސް އޭނާ ގެއްލުނީ ކިހިނެއްކަމެއް އަދި ހާމަކުރެވެން ނެތް ކަމަށާއި އޭނާ ގެއްލުނު ކަމަށް ވަރަށް ގިނަ ގޮތްގޮތަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެކަން ސާފު ވާނީ ރިޟްވާން ފެނުމުން، އޭނާ އާ ސުވާލުކޮށްގެން ކަމަށާއި އޭނާ ނުފެންނަނީސް އޭނާ ރަހީނު ކުރީ ކަމެއް، ގެއްލުނީ ކަމެއް، އަމިއްލައަށް ގެއްލުނީ ކަމެއް ބުނާކަން ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ރިޟްވާން ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ސީސީޓީވީ ފުޓޭޖްތަކަކާއި ފުލުހުންގެ ހައްޔަރުގައި މީހަކު އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބަޔަކު ވަރަށް ކައިރިން "ބަލަމުން" ގެންދާކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއްނުވެއެވެ.
"އާންމު ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ ރިޟްވާން ގެއްލުނު ކަމުގައިވީ ނަމަވެސް، އަދި އެހެން މީހަކު ގެއްލިއްޖެއްޔާ އެމީހަކު ހޯދުމުގައިވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ހުރިހާ ކަމެއް ދައުލަތުގެ ފަރާތުން ހަމަ ކުރަމުންނޭ ގެންދާނީ.،" މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ