ކައުންސިލް އިންތިހާބަށް ޕީޕީއެމް އިން ތައްޔާރުވާން މައުމޫން އަންގަވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް އިން ތައްޔާރުވުމަށް އެޕާޓީގެ އޮފީހުން ޕީޕީއެމްގެ ކަމާ ބެހޭ ކޮމިޓީތަކަށް އަންގައިފި އެވެ.
އެގޮތުން ކައުންސިލް އިންތިހާބަށް ޕީޕީއެމް އިން ވާންޖެހޭ ތައްޔާރީތައް ފެށުމަށް އަންގާ އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ސޮއިކުރައްވާ މިއަދު ވަނީ ޕީޕީއެމްގެ އިންތިހާބީ ކޮމިޓީއަށާއި ބައި އިލެކްޝަން ކޮމިޓީއަށް ސިޓީއެއް ފޮނުވާފަ އެވެ.
މި ސިޓީގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ލޯކަލް ކައުންސިލް ތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ޕާޓީގެ ކޮމިޓީތަކުން އިންތިހާބާ ގުޅޭގޮތުން ޕާޓީގެ ތެރޭގައި ހަދަން އިންތިޒާމުތައް ހަމަޖެއްސުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގަންނަވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކަުރުމަށް އިންތިޒާމުތައް ހަމަޖައްސަން ޕީޕީއެމްގެ އޮފީހުން އެޕާޓީގެ ކަމާ ގުޅޭ ކޮމިޓީތަކަށް އަންގާފައި މިވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް އަންނަ ހަފްތާގައި ފުރުސަތު ހުޅުވާލާނެ ކަމަށް އިދިކޮޅު އެމްޑީޕީން އިއްޔެ ބުނެފައިވަނިކޮށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވާން ޕީޕީއެމްއިން މަސައްކަތް ފެށުމަށް އެޕާޓީގެ އޮފީހުން ތައްޔާރުވީ ނަމަވެސް ޕީޕިއެމްގެ ރައީސް މައުމޫންއާއި އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ގުޅިގެން ޕީޕީއެމް މިހާރު ވަނީ ދެބައިވެފަ އެވެ. އެހެންކަމުން މިމައްސަަލަތައް ހައްލުނުކޮށް ޕީޕީއެމް އިން އިންތިހާބަކަށް ގޮސްފިނަމަ އެޕާޓީއަށް އިންތިހާބުގައި ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ