ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ރާގިބު މަގާމުން އިސްތިއުފާ ދެއްވައިފި

މަގާމުން ވަކި ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމާފައިވާ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރާގިބު މަގާމުން ވަކި ކުރުމަށް ނިންމާ ރައްޔިތުންގެ މަޖިލީހަށް އެކަން ފޮނުވަން ޖޭއެސްސީން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.
ޖޭއެސްސީން ބުނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރެވުނު މައްސަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގައި ކޮމިޝަނުން ގޮތެއް ނިންމުމަށް މިއަދު ހުށައެޅުމުން ތަހުގީގު ރިޕޯޓްގައިވާ ފަދައިން ފަނޑިޔާރު ރާގިބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޗައިނާގައި މިވަގުތު ހުންނެވި ރާގިބް ވިދާޅުވީ އޭނާ އިސްތިއުފާ ދޭން ނިންމީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ގުޅޭގޮތުން ވެސް ޖޭއެސްސީން އެއް މައްސަލައެއް ބެލުމަށްފަހު ގާޒީ ހަސަން ސައީދަށް ޕްރޮމޯޝަނެއް ދެއްވުމަށްފަހު އޭނާއާ މެދު ފިޔަވަޅު އަޅަން ނިންމުމުން ކަމަށެވެ. އަދި އެއީ އިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ގުޅޭ ގޮތުން ހުށަހެޅުނު މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ވަނީ ގާޒީ ހަސަން ސައީދަށް ފިޔަވަޅު އެޅުމުގެ ގޮތުން އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމާފައެވެ. ނަމަވެސް އެ ފިޔަވަޅަކީ ޖޭއެސްސީގެ ގާނޫނާއި ހިލާފަށް އެޅި ފިޔަވަޅެކެވެ.
ޖޭއެސްސީ ގާނޫނުގައި ބުނެފައިވަނީ ފަނޑިޔާރެއްގެ މައްޗަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އޭނާ މަސައްކަތްކުރާ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ޖޭއެސްސީން އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ