ސިއްހީ ދާއިރާގެ މަސައްކަތަކީ ހަމައެކަނި ބޭސް ސިޓީ ލިޔެދިނުމެއް ނޫން: އަލީ ޝިޔާމު

ސިއްހީ ދާއިރާގައި ކުރާ މަސައްކަތަކީ ހަމައެކަނި ބޭސް ސިޓީ ލިޔެދިނުން ނޫން ކަމަށާއި އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ ވެސް ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އަލީ ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އައިޖީއެމްއެޗުން ކުރިއަށް ގެންދާ މެޑިކަލް އިންޓާންޝިޕް ދެވަނަ ޕޮރޮގްރާމްގެ ބައިވެރިން ދަސްވެނިވުމުގެ ގޮތުން އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އަލީ ޝިޔާމު ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ، މީހުންނަށް އަޅާލާ ޚުލްގު ހެޔޮ ބަޔަކަށްވުމަކީ ވަރަށް މުހިއްމު ސިފައަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އުފާވެރި ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރުމަށްޓަކައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތައުލީމާއި ތަމްރީންގެ ފުރުސަތު ދިނުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެެ. ދިވެހިންނަށް ވަޒީފާގެ ދާއިރާގައި ލިބެންޖެހޭ ތައުލީމާއި ތަމްރީން ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އިންފްރާސްޓުރަކްޗާ ހޯދައިދިނުމަށް މިސަރުކާރުގެ ބަޖެޓުގައި ވަރަށް ބޮޑު އަދަދެއް ކަނޑައެޅިފައި އޮންނާނެ. އަޅުގަނޑު އަދި ފާހަގަކުރަމުން އިންފްރާސްޓްރަކްޗަރުން އެކަނި ފުރިހަމަ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ނުދެވޭނެ. އަދި އިންސާނީ ވަސީލަތްތަކާއި ދެމެހެއްޓެނެވި ތަމްރީންތައް މި ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދިނުން ވަރަށް މުހިއްމު ކަމަށް ދެކޭ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ޝިޔާމު އިތުރަށް ވިދާޅުވީ އައިޖީއެމްއެޗުން އިސްނަގައިގެން މެޑިކަލް އޮފިސަރުންނަށް މަސައްކަތުގެ ދާއިރާއިން ތަމްރީންދިނުމުގެ ޕޮރޮގްރާމްތައް ހިންގުމަކީ އެކަށީގެންވާ މީހުން އުފެއްދުމަށް ސަރުކާރަށް ލިބިގެންދާ ވަރަށް ރަގަޅު ފުރުސަތެއް ކަމަށެވެ. އަދި އައިޖީއެމްއެޗަކީ ސިއްހީ ދާއިރާއިން ރައްޔިތުން އެންމެ ބޮޑަށް ބަރޯސާވާ މަރުކަޒަށް ވަތީ އެތަނުގެ ހިދުމަތްތައް ރަނގަޅުވާންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ކުރިއަށް ގެންދާ މެޑިކަލް އިންޓާންޝިޕް ޕޮރޮގްރާމަކީ ރާއްޖެއިން ބޭރުން 5 އަހަރު ޑޮކްޓަރުކަން ކިޔަވައިގެން ރާއްޖެ އަންނަ ކުދިންނަށް މަސައްކަތުގެ ދާއިރާއިން ތަމްރީން ދިނުމަށް ހިންގާ ޕޮރޮގްރާމެކެވެ. މިއަދު ފަސް ދަރިވަރަކު ދަސްވެނިވުނު އިރު މިއީ އިންޓާންޝިޕްގެ ދެވަނަ ބުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ