ހެޓްރިކާ އެކު މެސީ ވޯލްޑް ކަޕް ލަނޑު ލިސްޓުގެ ކުރީގައި ކްލޯސޭއާ އެއްވަރު ކޮށްފި

ކަންޒަސް ސިޓީ (ޖޫން 17) - އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާއާ ދެކޮޅަށް ކެޕްޓަން ލިއޮނެލް މެސީގެ ހެޓްރިކަކާ އެކު 3-0 އިން މޮޅުވެއްޖެ އެވެ.
މެސީ ވަނީ މިއަދު ހެނދުނު ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި އާޖެންޓީނާ އަށް ލީޑު ނަގައިދީފަ އެވެ. އެއަށް ފަހު 60 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހި އިރު، ހެޓްރިކް ފުރިހަމަ ކުރީ 76 ވަނަ މިނިޓުގައި އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މިއީ މެސީ ގައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗެވެ. މި މެޗުގައި ޖެހި ތިން ގޯލާ އެކު އޭނާ މިހާރު ވަނީ ގައުމީ ޓީމަށް 120 ގޯލު ހަމަ ކޮށްފަ އެވެ.
ހަމަ އެއާއެކު މީއީ މި މުބާރާތުގެ އެންމެ ފުރަތަމަ ހެޓްރިކެވެ. އަދި މެސީ ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް ހެދި ފުރަތަމަ ހެޓްރިކްވެސް މެއެވެ.
މިއާ އެކު މެސީ ވަނީ ޖުމްލަ 16 ގޯލު ހަމަކޮށް ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްފައިވާ ޖަރުމަންގެ މިރޮސްލާވް ކްލޯސޭއާ އެއްވަރު ކޮށްފަ އެވެ. މެސީ މި އަދަދަށް ގޯލު ޖަހާފައި މި ވަނީ ވޯލްޑް ކަޕްގައި 27 މެޗު ކުޅެގެންނެވެ.
މިއީ އޭނާ ކުޅޭ ހަވަނަ ވޯލްޑް ކަޕެވެ. މެސީ ވަނީ ހަވަނަ ވޯލްޑް ކަޕް ކުޅޭ ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެކްސިކޯގެ އެންޓޯނިއޯ ކަބްރާލް، އަންޑްރެސް ގުއަރާޑޯ އާއި ރަފައެލް މާކުއޭޒްގެ އިތުރުން ޖަރުމަންގެ މެތިއައުސް ވެސް ވަނީ މިހާތަނަށް ފަސް ވޯލްޑް ކަޕް މުބާރާތުގައި ކުޅެފަ އެވެ. މިރޭ ޑީއާރު ކޮންގޯއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލްޑޯ ވެސް އޭނާގެ ފަސްވަނަ ވޯލްޑް ކަޕްގައި ކުޅޭނެ އެވެ.
އާޖެންޓީނާ އާއި އަލްޖީރިއާ ހިމެނެނީ ޖޯޑަން އާއި އޮސްޓްރިއާ އާއެކު ގުރޫޕް ޖޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ