ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރު ކުރަނީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރު ކުރަން ފަށައިފިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރުން ހާޒިރު ކުރަނީ ޖޭއެސްސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށެވެ. އެގޮތުން މިރޭ ވެސް ބައެއް ފަނޑިޔާރުން ހާޒިރުކޮށްފައިވާ ކަމަށް ވެއެވެ. ނަމަވެސް ހާޒިރު ކުރީ ކިތައް ފަނޑިޔާރުންކަން ސާފެއް ނުވެއެވެ. އަދި މައްސަލައާ ގުޅިގެން ހާޒިރު ކުރަނީ ކޮން ފަނޑިޔާރުން ކަމެއް ވެސް ސާފެއް ނުވެއެވެ. ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ހާޒިރު ކުރަމުން އަންނަ އިރު، އެ ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ އެއް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. "ސަން" އަށް އެނގިފައިވާގޮތުގައި ސުލޫކީ މައްސަލަ ބަލާ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ. އެކަމާ ގުޅޭގޮތުން ޖޭއެސްސީން ކުރިން ނެރުނު ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް" ގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ