އިސްތިއުފާ ދިނީ މަޖުބޫރުވެގެން، ރައްޔިތުން ބޭނުން ނަމަ އަލުން މަގާމު ހޯދާނަން: ޕަނީރުސެލްވަމް

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މަޖުބޫރުވެގެން ކަމަށާއި، ރައްޔިތުންނާއި ޕާޓީގެ މެމްބަރުން އަދި ގާނޫނު ހަދާ މަޖިލީހުގައި ޕާޓީ ތަމްސީލުކުރާ ބޭފުޅުން އެދޭނަމަ، އެ އިސްތިއުފާ އަނބުރާ ގެނެސް، މަގާމު އަނބުރާ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި އޮއްޓަކާރަ ޕަނީރުސެލްވަމް ވިދާޅުވެއްޖެއެވެ. އާދީއްތަ ދުވަހު ޗީފް މިނިސްޓަރު ޕަނީރުސެލްވަމް ވަނީ، ޓަމިލް ނާޑޫގެ ވެރިކަން ކުރާ އޯލް އިންޑިއާ އަންނާ ޑްރާވިޑާ މުންނެތުރާ ކަޅަގަމް (އޭއައިއޭޑީއެމްކޭ)، އެ ސްޓޭޓުގައި ތަމްސީލުކުރާ މެމްބަރުންގެ ލީޑަރުކަމަށް، ޓަމިލް ނާޑޫގެ އަވަހާރަވެފައިވާ ކުރީގެ ޗީފް މިނިސްޓަރ ޖަޔަލަލީތާ ޖަޔަރާމްގެ ގާތް އެކުވެރިޔާ ސަސީކަލާ ނަތަރާޖަން އިންތިޚާބު ކުރުމަށް ހުށަހަޅާފައެވެ. އެ މަގާމަށް ސަސީކަލާ އިންތިޚާބުވުމާ އެކު ޕަނީރުސެލްވަމް ވަނީ ޗީފް މިނިސްޓަރުކަމުން އިސްތިއުފާ ވެސް ދެއްވައިފައެވެ. ބަރުލަމާނީ ނިޒާމެއްގެ ދަށުން ހިންގާ އިންޑިއާގެ ސްޓޭޓުތަކުގައި، ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކީ ސްޓޭޓުގެ ޗީފް މިނިސްޓަރެވެ. އެއީ ބަރުލަމާނީ ނިޒާމުތައް އޮންނަ ސަރުކާރުތަކުގައި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ގައުމުގެ ބޮޑުވަޒީރަށް ވާ ބީދައިންނެވެ. ޗީފް މިނިސްޓަރުކަމަށް ސަސީކަލާ އައްޔަނުކުރާތީ ޓަމިލް ނާޑޫގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ރައްޔިތުންގެ ނުރުހުމާއި ދެކޮޅުވެރިކަމުގެ ޚިޔާލުތައް އެތައް ގުނައަކަށް ބޮޑުވެ، ޢާންމުވަމުން ދާތީ، ކުރީގެ ޗީފް މިނިސްޓަރު ޕަނީރުސެލްވަމް ރޭ ވިދާޅުވީ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމަށް ވާންޖެހޭނީ ކުރީގެ މިނިސްޓަރު ޖަޔަލަލީތާގެ ނަމާއި ޝަރަފު ދެމެހެއްޓެވޭނެ ފަރާތެއް ކަމަށެވެ. އަދި ޓަމިލް ނާޑޫގެ ރައްޔިތުންނާއި، އޭއައިއޭޑީއެމްކޭ ޕާޓީގެ މެމްބަރުންނާއި، އަދި ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެދޭ ނަމަ، ދެއްވި އިސްތިއުފާ އަނބުރާ ގެންނެވުމަށް ވެސް ވިސްނަވާނެ ކަމަށް ޕަނީރުސެލްވަމް ވިދާޅުވި އެވެ. މިވަގުތު ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރެއް ނެތެވެ. އޭއައިއޭޑީއެމްކޭ ޕާޓީއިން ބުނި ގޮތުގައި، ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާ، ސަސީކަލާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހަފްތާ ތެރޭގަ އެވެ. ނަމަވެސް އެފަދަ ހަފްލާއެއް އޮތްކަމެއް ޓަމިލް ނާޑޫގެ ގަވަރުނަރަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ގަވަރުނަރު ވިދްޔާސަގަރު ރާއޯ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ