ބ. ކެންދޫ ފަޅުތެރޭގައި އަޅާފައި އޮތް ދެ ދޯންޏަކާއި ލޯންޗެއްގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ބޭބެ އަބްދުއްސަލާމް ޔޫސުފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުން މިއަދު ސިއްރުކޮށްފި އެވެ.
މިއަދު ބޭއްވި އަޑު އެހުން ސިއްރުކުރި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. ނަމަވެސް މިގޭކުރިން ބޭއްވި ހުރިހާ އަޑުއެހުމަކަށް ވަނީ ނޫސްވެރިން ވަންދާފައެވެ. މިއަދު ޝަރީއަތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ 1:00 އަށެވެ. ޝަރިއަތް ސިއްރުކުރިކަން އެނގީ ނޫސްވެރިން ކޯޓަށް ދިޔަ ފަހުންނެވެ.
ދައުލަތުން އަބުދުލް ސަލާމުގެ މައްޗަށް ދައުވާ ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. ކުށް ސާބިތުވެއްޖެނަމަ އެ މާއްދާގެ ދަށުން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލަމުން ދައުލަތުން ބުނެފައިވަނީ 2015 އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ އޭނާ ކެންދޫ މާހޯރަ ދޯނީގައި ރޯކޮށްލުމުން އަލިފާންގަނޑު ފެތުރެމުން ގޮސް ސަރަކަ ނަމަކަށް ކިޔާ ދޯންޏަކާއި ފެހިވިނަ ނަމަކަށް ކިޔާ ލޯންޗެއްގައި ރޯވެފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް 24 ހެއްކެއް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްގެން އަބްދުއް ސަލާމް ބަންދާމެދު ގޮތެއް ނިންމަން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އއ. މާޅޮހު ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
ގާޒީ ބާރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ