ތައުލީމީ ހައްގު ރައްކާތެރިކުރުމާ ބެހޭ ގޮތުން ފުލުހުންނާ އެކު މަޝްވަރާ ކުރަނީ

ދަރިވަރުންގެ ތައުލީމީ ހައްގުތައް ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނާ މަޝްވަރާކުރަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ ނައިބު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ތައުލީމު ދިނުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށާއި އެ ހައްގު އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް ނިގުޅައިނުގަނެވޭނެ ކަމަށެވެ. ނަމަވެސް ދިމާވާ އެކި މައްސަލަތަކުގައި ފަހަކަށް އައިސް، ސްކޫލު ފަދަ ތަންތަން ބަންދުކޮށް ދަރިވަރުންގެ ތައުލީމަށް ހުރަސް އެޅޭ ފަދަ ކަންތައްތައް ކުރަމުން އަންނާތީ، ދަރިވަރުންގެ ހައްގު ހިމާޔަތް ކުރުމަށް ފުލުހުންނާ އެކު ޕްރޮޓޮކޯލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅޭ ފަދަ އެއްވެސް ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެކަމެއް ހައްލުކުރާނެ ގޮތާ މެދު އެ ޕްރޮޓޮކޯލުގެ ދަށުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެފަދަ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ ވާހަކަ ދައްކާނީ ކޮން ބަޔަކާ ކަމާއި ކޮން ވާހަކަތަކެއްކަން ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ދަރިވަރުންނަށް ތައުލީމު ނުލިބޭ ގޮތަށް ނުވަތަ އެންމެ ދުވަހަކު ވެސް ތައުލީމަށް ހުރަސް އެޅޭ ފަދަ ކަމެއް ކުރުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ބެލެނިވެރިންނަށް ވެސް އެ ހައްގު ނިގުޅައިގަތުމުގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ އެހެން ގައުމުތަކުގައި ޝަރީއަތަށް ގެންދާވަރުގެ ސީރިއަސް ކަމެއް ކަމަށް އެތަނުން ފާހަގަކުރި އެވެ.
ޑރ. ނަޒީރު ވިދާޅުވީ، ތައުލީމީ ނިޒާމުގައި މިހާރު ޖެހޭ މައްސަލަތައް ސްކޫލު ބަންދުކޮށްގެން ހައްލު ނުކުރެވޭނެ ކަމަށާއި އެކަމަށް އެންމެ ރަނގަޅު ހައްލަކީ އެޑިއުކޭޝަނާ ވާހަކަ ދެއްކުން ކަމަށެވެ.
ޕްރިންސިޕަލެއް ނެތުމާއި ކިޔަވައިދޭ ޓީޗަރުން މަދުވުމުގެ ސަބަބުން މިދިޔަ ހަފުތާ ތެރޭގައި ހދ. ކުމުންދޫ ބެލެނިވެރިން ނިކުމެ އެ ރަށު ސްކޫލު ދެ ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ގދ. ގައްދޫ ސްކޫލަށް ވެސް ޓީޗަރުން މަދުވެގެން އެ ރަށުގެ ބެލެނިވެރިން ވެސް ސްކޫލު ބަންދުކޮށްފައި ވެ އެވެ.
ޑރ. ނަޒީރު ވިދާޅުވީ މި އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުން ރެކްރޫޓް ކުރި ކަމަށާއި ނަމަވެސް ރެކްރޫޓް ކުރި ބައެއް ބިދޭސީ ޓީޗަރުން އެންމެ ފަހުވަގުތު ރާއްޖެ ނާންނަ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ޗުއްޓީ އަށް ގައުމަށްދާ ޓީޗަރުން އެނބުރި ރާއްޖެ ނައުމުގެ މައްސަލަ އާއި ޓްރޭން ވާ ބައެއް ދިވެހި ޓީޗަރުން ވެސް ސީދާ ކިޔަވައިދިނުމުގެ މަސައްކަތަށް ނުނިކުންނަ މައްސަލަ މި އަހަރު ވެސް ފެންމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓީޗަރުންގެ މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެންނަށް ކުރެވުނުހާ މަސައްކަތެއް މި އަންނަނީ ކުރަމުން. ނަމަވެސް ކަންތައް ދިމާވާ ގޮތުން ޓީޗަރުން މަދުވުމުގެ މައްސަލަ ދިމާވެދާނެ ކަމަށް ހުރިހާ އެންމެން ވެސް ގަބޫލު ކުރަންޖެހޭނެ. މި ހުރިހާ ކަމެއްގެ ހައްލަކީ ކިޔެވުން ހުއްޓުވާލާފައި ސްކޫލު ބަންދުކުރުމެއް ނޫން،" ޑރ. ނަޒީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ