މުޅި މާލެއިން އިއްޔެ ކަރަންޓް ކެނޑުމުން އެންމެން ކަންބޮޑުވީ ކަރަންޓް ކެނޑިގެނެއް ނޫނެނެވެ. އެކަން ހިނގައިދިއަ ގޮތުން އެއީ ވެގެންވާނެ ކަމެއް ކަމަށް ބުއްދިއަށް ޤަބޫލުނުކުރެވުމުންނެވެ.
ކަރަންޓް ހުރިހައި ޤައުމެއްގައިވެސް ކެނޑެއެވެ. ތަފާތު މައްސަލަތަކާއި ހުރެއެވެ. ނަމަވެސް ސަބަބަކީ އެކަށީގެންވާ އަދި ބުއްދިއަށް ޤަބޫލުކުރެވޭ ސަބަބަކަށް ވާންޖެހެއެވެ.
މާލެއަށް ކަރަންޓް ދީފައިވަނީ ޑިސްޓްރިބިޔުޝަން ފޮށިތަކެއް ބަހައްޓައިގެންނެވެ. އެއިން ފޮށްޓަކަށް ކޮންމެ ވަގުތަކު، ކޮންމެ ފަދަ ކަމެއް ވެސް މެދުވެރިވެދާނެއެވެ. ނަމަވެސް އެންމެ ފޮށްޓަކަށް ކުރިމަތިވާ ކަމަކުން މުލި މާލެއިން ކަރަންޓް ކެނޑޭނަމަ އެއީ އިތުރަށް ވިސްނަންޖެހޭނެ ކަމެކެވެ.
ސްޓެލްކޯގެ މައި އިންޖީނަކަށް ކަމެއް ދިމާވެގެން ކަރަންޓް ކެނޑުމާއި މިދެންނެވި ފަދަ ސަބަބެއް މެދުވެރިވެގެން ކަރަންޓް ކެނޑެންޖެހުމާއި ވަރަށް ބޮޑަށް ތަފާތުކަމަށް ގިނަ ބައަކު އިއްޔެ ވަނީ ބުނެފައެވެ. އަދި އެންމެ ފޮށްޓަކަށް ކަމެއް މެދުވެރިވުމުން މުޅި މާލެއިން ކަރަންޓް ނުކެނޑޭނެ ގޮތެއް އިންތިޒާމްކުރެވެން ޖެހޭނެ ކަމަށްވެސް ގިނަބައަކު ދިއައީ ބުނަމުންނެވެ. މާލެއަށް ކަރަންޓް ލެވިފައިވަނީ އެންމެ ޑިސްޓްރިބިޔުޝަން ފޮށްޓަކަށް މައްސަލައެއް ކުރިމަތިވުމުން މުޅި މާލެއިން ކަރަންޓްދާ ގޮތަށް ކަމަށްވެފައި އަދި އެގޮތަށް ކަރަންޓް ހިނގައްޖެނަމަ ލިބެނީ 4 ގަޑިއިރުން ކަމަށްވާނަމަ އެއީ ޤައުމީ ސަލާމަތާއިވެސް ގުޅިފައިވާ މައްސަލައެއް ކަމަށް ގިނަ ބައަކު ދިއައީ ބުނަމުންނެވެ.
ތަޖުރިބާކާރު އިންޖިނޭރުންނާއި ރައްޔިތުން އިންތިޒާރުކުރަނީ މިކަމުގައި ސްޓެލްކޯގެ އިންޖިނޭރުންގެ ބަހަކަށެވެ.
މާލޭގެ ކަރަންޓްގެ ހާލަތު ވަރަށް ދަށުދަރަޖައިގައި އޮއްވައި މިސަރުކާރުން ވަނީ އިހައްދުވަހު ބޮޑު ޖެނެރޭޓަރެއް ގެނެސް ސްޓެލްކޯ އާއި ހަވާލުކޮށްފައެވެ. ހުޅުމާލެއަށާއި މާލެއަށް ކަރަންޓް ދެވޭރުގެ ބޮޑު ބިޔަ މަޝްރޫއެއްވެސް މިސަރުކާރުން މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.
ރައްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ 24 ގަޑިއިރު ކަރަންގެ ޚިދުމަތް ޔަޤީންކޮށްދީފައެވެ. މިކަންކަން ކޮށްފައިވަނީ ރައްޔިތުންނަށްޓަކައި ސަރުކާރުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްވެސް ކޮށްގެންނެވެ.
މުޅި މާލެއިން ކަރަންޓް ކެނޑުމުން އެންމެން ކަންބޮޑުވީ ކީއްވެ؟ ބުއްދި ޤަބޫލު ނުކުރާ ސަބަބަކަށްވުމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ