ޕާޓީ މިނިވަންވީމަ މެންބަރުން ކޮށީގައިތޯ: ޔުމްނާ މައުމޫން

ޕީޕީއެެމް މިނިވަންވީމަ މެންބަރުން ތިބެންޖެހެނީ ކޮއްޓެއްގެ ތެރޭގައިތޯ ވިދާޅުވެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސުވާލްކުރައްވައިފިއެވެ.
އެކަމަނާ މި ސުވާލްކުރެއްވީ ޕީޕީއެމްއިން ބުރާސްފަތި ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ސަރަހައްދު ވަށައިގެން ނުނިކުމެވޭނެހެން ދާ ޖަހާ ބަންދުކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ޔުމްނާގެ ޓްވީޓްގައި ވިދާޅުވީ ޕީޕީއެމް މިނިވަންވުމުން މެންބަރުން ތިބެންޖެހެނީ ކޮއްޓެއްގައި ތޯއެވެ.
މީގެ އިތުރަށް ޔުމްނާ ވަނީ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ސަރަހައްދު ވަށައިގެން ނުނިކުމެވޭނެހެން ދާ ޖަހާ ބަންދުކުރުމުން ޖަލްސާއަށް މެންބަރުން ގެންދަނީ މަޖުބޫރުކުރުވައިގެންކަން އަދިވެސް ސާބިތުނުވޭތޯވެސް ސުވާލްކުރައްވާފައެވެ.
ޔުމްނާގެ އިތުރަށް ސިޔާސީ ޕާޓީތަކުގެ އެހެން އިސްބައެއް ބޭފުޅުންވެސް ވަނީ މިރޭގެ ޖަލްސާ ކުރިއަށްދިޔަ ސަރަހައްދުގައި ދާ ޖަހާފައިވާތީ އެކަމަށް ފާޑުކިޔާފައެެވެ.
މީގެ ކުރިން އެޕާޓީން ބޭއްވި ޖަލްސާތަކުގައި ބައިވެރިވުމަށްދިޔަ ގިނަ ބަޔަކު ޖަލްސާ ނުނިމެނީސް އެ ސަރަހައްދުން ދިއުމުން ގިނަ ބަޔަކު ވަނީ އެކަމަށްވެސް ފާޑުކިޔާފައެވެ.
އެތަށްހާސް ބަޔަކާއިއެކު ޕީޕީއެމްއިން މީގެ ކުރިން ބޭއްވި ދެ ޖަލްސާގައިވެސް އެކަން ތަކްރާރުވުުމުން އިދިކޮޅު ފަރާތްތަކުން ވަނީ ޕީޕީއެމްގެ ޖަލްސާތަކަށް މީހުން ގެންދަނީ މަޖުބޫރުކޮށްގެންކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި ރޭ ބޭއްވި ޖަލްސާ ކުރިއަށްދިޔަ ސަރަހައްދުގައި ދާ ޖަހާފައިވަނީ އެކަން ތިންވަނަ ޖަލްސާއެއްގައި ތަކްރާރްކުރަން ފުރުސަތު ނުދިނުމުގެ ގޮތުންކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޕީޕީއެމްގެ ރައީސް މައުމޫންވެސް ވަނީ މަޖުބޫރުކޮށްގެން ޕީޕީއެމްގެ ޖަލްސާތަކަށް މެންބަރުން ގެންދާކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައެވެ.
ނަމަވެސް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ވަނީ އެކަން ދޮގުކޮށްފައެވެ.
އެ ފެކްޝަނުން ބުނީ އެއްވެސް ރައްޔިތަކަށް މަޖުބޫރުކޮށްގެން ޖަލްސާއަށް ނުގެންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ