ރައްޔިތުންގެ މަޖިލިސް: ރަލާއި އޫރުމަހުގެ ޑިއުޓީން ލިބޭ ފައިސާ އަކީ ހުއްދަ އެއްޗެއް ނޫން: އިސްލާމިކް މިނިސްޓަރު

ރަލާއި އޫރުމަހުން ސަރުކާރަށް ނަގާ ޑިއުޓީ އަށް ލިބޭ ފައިސާ އަކީ ހުއްދަ އެއްޗެއް ނޫން ކަމަށާއި އެ ފައިސާ އިން މިސްކިތްތައް އެޅުމާއި މިސްކިތްތައް މަރާމާތުކުރުން ހުއްދަނުވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލ. ފޮނަދޫ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ވިދާޅުވީ ރަލާއި އޫރުމަހުގެ ޑިއުޓީން ލިބޭ ފައިސާ ބޭނުންކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތްތަކުގައި ނަމާދުކުރާ މީހުންނަށް އެއްވެސް އަޒާބެއް ނުހުންނާނެ ކަމަށެވެ. އަދި ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ހަދީސްތަކުން ދަލީލު ދައްކަވައި، އޫރުމަހުން ލިބޭ ފައިސާއަކީ ހުއްދަ އެއްޗެއް ނޫންކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.
"އެހެނީ އެ މީހުންގެ ނަމާދަށް އެއްވެސް އުނިކަމެއް ވެސް ނުހުންނާނެ. އެހެނީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ މިންގަނޑަކީ، އެހެން މީހަކު ކުރާ ކަމަކުން ދެ ވަނަ މީހަކު ކުށްވެރި ނުވާކަން. އަދި ނަމާދު ސައްހަވުމުގެ ޝަރުތުތަކުގެ ތެރޭގައި މި ކަން ހިމެނިފައި ނުވާކަން. މިސާލަކަށް ދަންނަވާނަމަ، މީހަކު ވަގަށް ނެގި ހެދުމެއް ލައިގެން ހުރެ ނަމާދުކުރިޔަސް އެ މީހާގެ ނަމާދު ސައްހަވާނެ. އެ މީހާ އެ ކުރި ވައްކަމަކީ އިތުރު ކަމެއް،" ޑރ. މަޖީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަލާއި އޫރުމަހުގެ ޑިއުޓީން ސަރުކާރަށް ލިބެނީ ދައުލަތުގެ ބަޖެޓުގެ ވަރަށް ކުޑަ މިންވަރެއް ކަމަށާއި އެ ތަކެތި ވިއްކައިގެން ލިބުނު ފައިސާ ބަޖެޓުން މުޅިން ވަކިކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން މިސްކިތްތައް އެޅުމަށް ހަރަދުކުރާނީ ޑރ. މަޖީދު ވިދާޅުވި ގޮތުގައި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކަނޑައަޅާފައިވާ ފައިސާ އެވެ.
"އޭގެ ތެރޭގައި ހުންނާނެ ހުއްދަ ގޮތުގައި ލިބިފައިވާ ފައިސާ. ގިނަވާނީ އެ ގޮތަށް ލިބިފައިވާ ފައިސާ. ވޭތުވެދިޔަ ތާނގައި ވެސް ސަރުކާރުން ހޭދަކޮށްގެން އަޅާފައިވާ މިސްކިތްތަކުގައި ވެސް ކޮންމެވެސް ޕަސެންޓެއް ހިމެނިފައިވާނެ. އެހެން ނަމަވެސް ޖުމްލަކޮށް ބަލާއިރު އެއީ ވަރަށް ކުޑަ ނިސްބަތެއް. އެކަމަކުން ނަމާދުކުރާ މީހުންނަށް ލިބޭނެ އެއްވެސް ކަހަލަ އުނިކަމެއް ނުހުންނާނެ. އެ މީހުންގެ ނަމާދު ސައްހަވާނެ،" ޑރ. މަޖީދު ވިދާޅުވި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރު ވިދާޅުވީ ރަލާއި އޫރު މަސް އެތެރެކުރުމަށް މިހާރު ހަދާފައިވާ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ނިންމާނަމަ، އެ ތަކެތީގެ ޑިއުޓީން ލިބޭ ފައިސާ ދައުލަތުގެ އާންމު ރެވެނިއު އަށް ނުވަންނަ ގޮތަށް ވަކި އެކައުންޓެއްގައި ބަހައްޓައި އެ ފައިސާ އިން ދައުލަތުގެ އިޖުތިމާއީ ކަންތައްތަކަށް ބޭނުންކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
"އެއީ މިސާލަކަށް މަގު ހެދުން، ބަނދަރު ހެދުން، ނަރުދަމާ އެޅުން ފަދަ ކަންކަމަށް އެކަނި ހޭދަކުރާ ގޮތަށް ލާޒިމްކުރާ ގޮތަށް ގާނޫނުގައި ކަނޑައެޅިފައި އޮތުން. މިހެން މި ދެންނެވީ ހަރާމް ގޮތުގައި ލިބިފައި ހުންނަ ފައިސާ ދޫކޮށްލުމާއި ނައްތާލުމަށް ނުވަތަ ދޫކޮށްނުލައި އެއިން ބޭނުންކުރުމާ ބެހޭ ގޮތުން އިލްމުވެރިން ވިދާޅުވެފައިވަނީ އެފަދަ ފައިސާ ދޫކޮށްލުމުގެ ބަދަލުގައި އިޖުތިމާއީ ކަންކަމުގައި ހޭދަކުރެވިދާނެ ކަމަށް،" އިސްލާމިކް އެފެއާޒް މިނިސްޓަރު ވިދާޅުވި އެވެ.
ބަނގުރާ އަކީ ހަމައެކަނި ޓޫރިސްޓުންނަށް ވިއްކާ އެއްޗަކަށްވާއިރު، އެ ތަކެތި ދިވެހިންނަށް އާންމުވެފައިވަނީ ކަސްޓަމްސް ޑިއުޓީ ކުޑަވެގެންތޯ، ފޮނަދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަން ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ބަނގުރާ އާންމުވެފައިވަނީ ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން އެކަމާ އިހުމާލުވެފައިވާލެއް ބޮޑުކަމުން ކަމަށެވެ.
"މިހެން މި ދެންނެވީ ޓޫރިސްޓް ހޮޓާތަކާއި ރިސޯޓްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިހާރު މިވަނީ ހުޅުވިފައި. ތިލަފުށި ބަނދަރުތައް ވަނީ ހިފެހެއްޓުމެއް ނެތި މުދާ ބޭލޭ ގޮތަށް. ސަފާރީތަކާއި ޔޮޓްތަކުން ގިނަ އަދަދަކަށް ރާ އެތެރެކުރާކަން އަދި އެތެރެކޮށް މާލެ އާއި އެހެން ރަށްރަށަށް ސަޕްލައިކުރާ ކަމުގެ ތުހުމަތުތައް މިދަނީ ކުރެވެމުން. ބޭރު މީހުންނަށް ދޫކުރެވިފައިވާ ލައިސަންސްގެ ދަށުން، އެ މީހުންނަށް ވިއްކާ ރާ ބޮޑު އަގުގައި އެ މީހުން ދިވެހިންނަށް ވިއްކާ ކަމުގެ ވާހަކަތައް ވެސް އާންމުންގެ ތެރޭގައި ދެކެވޭ،" އިސްލާމިކް އެފެއާޒް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވެގެންދިޔައީ މިއަދު އަޅުގަނޑުމެންގެ ގޭގޭ ގެ އައިސް އަލަމާރިތަކުގައްޔާއި މޭޒު މަތީގައި ރާ އާންމުވެފައިވާކަން. އެހެންކަމުން މި ކަމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މިކަމަށް މަގު ފަހިކުރުވި ފަރާތްތަކަކުން."
ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެނީ ރަލާއި އޫރުމަހުގެ ޑިއުޓީ އަށް ލިބޭ ފައިސާގެ އެކައުންޓަކުން ކަމަށްވާއިރު އެ މުސާރަތައް ހުއްދަވާނެތޯ ދެންނެވުމުން ޑރ. މަޖީދު ވިދާޅުވީ އެއީ ހުއްދަ ގޮތުގައި ލިބޭ މުސާރައެއް ކަމަށެވެ.
"އެހެނީ އެ މީހުންނަށް އެ ލިބެނީ އެ މީހުން އަދާކުރި ވަޒީފާ އަށް ލިބޭ އުޖޫރަ. މިކަމުގެ ހެކިތައް ވެސް އިސްލާމީ ޝަރީއަތުގައި އައިސްފައިވޭ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް، ޣައިރު މުސްލިމުން ދެއްވާ ހަދިޔާ، އެކަލޭގެފާނު ގަބޫލުފުޅުކުރައްވައި ހައްދަވާ. ހަމަ އެހެންމެ ޔަހޫދީންނަކީ ރިބާގެ މުއާމަލާތްކުރާ ބައެއްކަން އެނގިވަޑައިގަންނަވާއިރު ވެސް، އެ މީހުން އެކަލޭގެފާނަށް އަރުއްވާ ފަރިއްކޮޅު ގަބޫލުފުޅުކުރައްވައި ފަރިއްކުޅުއްވާ ހައްދަވާކަމަށް ތާރީހުން އަޅުގަނޑުމެންނަށް އެނގޭ،" އިސްލާމިކް އެފެއާޒް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ